އީރާނުގައި ފާއިތުވި ހަފުތާތަކުގައި ކުރިއަށްދިޔަ ސަރުކާރާ ދެކޮޅު ވަރުގަދަ މުޒާހަރާތަކުގައި "އެތައް ހާސް" ބަޔަކު މަރުވެފައިވާ ކަމަށް އެ ގައުމުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނޭއީ ފުރަތަމަ ފަހަރަށް އެއްބަސްވެވަޑައިގެންފިއެވެ.

ހޮނިހިރު ދުވަހު ދެއްވި ތަގުރީރެއްގައި ޚާމަނޭއީ ވިދާޅުވީ، މި މަރުތަކުގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއާއި އިސްރާއީލާ ގުޅުން އޮންނަ ފަރާތްތަކުން ކަމަށެވެ. އަދި ދެ ހަފުތާއަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ މި ހަމަނުޖެހުންތަކުގައި ގައުމަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށްވެސް އެމަނިކުފާނު ތުހުމަތު ކުރެއްވިއެވެ.

ޚާމަނޭއީ ވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ "ކުށްވެރިއެއް" ކަމަށް ސިފަކުރައްވައި، އީރާނުގެ ދާޚިލީ ކަންކަމުގެ ތެރެއަށް ޓްރަމްޕް ސީދާ ގޮތުން ނުފޫޒު ފޯރުއްވާފައިވާ ކަމަށް ވިދާޅުވެފައެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިއީ ކުރީގެ މުޒާހަރާތަކާ ޚިލާފަށް އެމެރިކާގެ ރައީސް އަމަލީ ގޮތުން ބައިވެރިވެވަޑައިގެން ހިންގި "ފިތުނައެއް" ކަމަށް ޚާމަނޭއީ ސިފަކުރެއްވިއެވެ. މީގެ އިތުރުން، އީރާނުން ހަނގުރާމައަކަށް ނުދާނެ ކަމަށާއި، ނަމަވެސް ގައުމުގެ ދާޚިލީ އަދި ބައިނަލްއަގުވާމީ ކުށްވެރިންނަށް ހައްގު އަދަބު ދޭނެ ކަމުގެ އިންޒާރުވެސް އެމަނިކުފާނު ދެއްވިއެވެ.

މި މުޒާހަރާތަކުގައި މަރުވި މީހުންގެ ރަސްމީ އަދަދެއް އީރާނުގެ ސަރުކާރުން މިހާތަނަށް ހާމަކޮށްފައި ނުވި ނަމަވެސް، އެމެރިކާގައި ހުންނަ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތެއް ކަމަށްވާ "ހަރާނާ" އިން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު 3،000 އަށްވުރެ މައްޗަށް އަރައެވެ. މީގެ ކުރިން އީރާނުގެ އޮފިޝަލުން ބުނަމުންދިޔައީ މަރުވީ އެތައް ސަތޭކަ ބަޔަކު ކަމަށާއި، އޭގެ ތެރޭގައި ސަލާމަތީ ބާރުތަކުގެ މީހުންވެސް ހިމެނޭ ކަމަށެވެ. ނަމަވެސް ޚާމަނޭއީގެ މި ވާހަކަފުޅާއެކު، މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު ކުރިން ހީކުރި ވަރަށްވުރެ ގިނަކަން މިހާރު ވަނީ ހާމަވެފައެވެ.



ކިޔުންތެރިންގެ ހިޔާލު