އިންތިހާބެއްގެ ތެރެއިން-
އިންތިހާބެއްގެ ތެރެއިން-
ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު އޮބްޒާވުކޮށް މޮނިޓަރ ކުރުމުގެ ފުރުޞަތު ބޭރުގެ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މި ފުރުސަތު ހުޅުވާލީ ބައިނަލްއަޤްވާމީ ޖަމްޢިއްޔާ ޖަމާޢަތްތަކަށާއި، ބޭރުގެ އެކި ފަރާތްތަކުގެ އިތުރުން ވަކިވަކި ފަރުދުންނަށެވެ.

އެ ކޮމިޝަނުން ބުނީ އިންތިޚާބު ކަވަރ ކުރުމަށް އެދި ފޯމު ހުށަހެޅުމުގެ މުއްދަތު މިއަދުން ފެށިގެން އަންނަ ފެބްރުއަރީ މަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައި ވާކަމަށެވެ.

އިންތިޚާބު އޮބްޒާވް ކުރުމަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުޠުތަކުގެ ތެރޭގައި، އުމުރުން 18 އަހަރު ފުރިފައިވާ މީހަކަށް ވާންޖެހެއެވެ. މީގެ އިތުރުން، އޮބްޒާވަރުންނާއި މޮނިޓަރުންނަކީ އެއްވެސް ކެންޑިޑޭޓަކަށް ނުވަތަ ސިޔާސީ ޕާޓީއަކަށް ކެމްޕެއިން ކޮށްދޭ ބަޔަކަށް ވެގެން ނުވާނެ ކަމަށްވެސް އީސީން ވަނީ ބުނެފައެވެ.

އެޕްރިލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިޚާބަކީ، ކުރީގެ އިންތިޚާބުތަކާ ޚިލާފަށް އިދާރީ ގިނަ ކަންތައްތަކެއް ޑިޖިޓަލައިޒް ކުރެވިގެން ކުރިއަށްދާ އިންތިޚާބެކެވެ. ވޯޓާސް ލިސްޓުގެ ކަންކަމާއި، ކެންޑިޑޭޓުންގެ ފޯމު ބަލައިގަތުން ފަދަ އިންތިޒާމުތައް ހަމަޖައްސާފައިވަނީ އޮންލައިންކޮށް ހުށަހެޅޭ ގޮތަށް ކަމަށް އީސީން ވަނީ ބުނެފައެވެ.

މި އިންތިޚާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. މީގެ ތެރޭގައި 133 ރަށަކަށް ކައުންސިލް ރައީސާއެކު 3 ކައުންސިލަރުން އަދި 46 ރަށަކަށް 5 ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެއެވެ.

އަދި މި އިންތިޚާބުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރާނީ، އެ ރަށެއް ނުވަތަ ސިޓީއެއްގެ ކައުންސިލަށް އިންތިޚާބު ކުރާ މެންބަރުންގެ އަދަދާ އެއްވަރަށެވެ.



ކިޔުންތެރިންގެ ހިޔާލު