ރައީސް ޔާމީން
ރައީސް ޔާމީން
ކުރިއަށް އޮތް އޭޕްރީލް މަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން އަލަށް ވަޒީފާދޭ މީހުން، އިންތިޚާބު ނިމުމާއެކު އެ މަގާމުތަކުން ކަނޑާލާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ރައީސް ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ފްރޮންޓް އޮފީހުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ، އިންތިޚާބާ ދިމާކޮށް ސަރުކާރުން އެތައް ހާސް ވަޒީފާއެއް ބަހާނެ ކަމަށް ތުހުމަތު ކުރަށްވާފައެވެ.

ރައީސް ޔާމީން ވިދާޅުވީ ރައްޔިތުންނަށް ވަޒީފާ ދިނުމަކީ އަމިއްލަފުޅަށް ކަންބޮޑުވާ ކަމެއް ނޫން ނަމަވެސް، އެ ވަޒީފާތަކަކީ ދެމެހެއްޓެނިވި ގޮތެއްގައި ދެވޭނެ ވަޒީފާތަކެއްތޯ ސުވާލު އުފެދޭ ކަމަށެވެ. އަދި އިންތިޚާބު ނިމުމުން، ސަރުކާރުން ބޭނުންވާ ނަތީޖާ ނުނިކުމެއްޖެ ނަމަ، އެ މީހުން ވަޒީފާތަކުން ކަނޑާލުމަކީ މިހާރުގެ ސަރުކާރުން ފަސްޖެހޭނެ ކަމެއް ނޫން ކަމަށްވެސް ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ހަމައެއާއެކު، އެހާ ގިނަ އަދަދަކަށް ސަރުކާރުގެ ވަޒީފާތަކަށް މީހުން އިތުރު ކުރުމަކީ އިގްތިސާދީ ގޮތުން ބަލާއިރު ދެމެހެއްޓެނިވި ކަމެއް ނޫން ކަމަށް 2013 އިން 2018 އަށް ރާއްޖޭގެ ރައީސްކަން ކުރެއްވި ޔާމީން ވިދާޅުވިއެވެ.

އޭގެއިތުރުން ޔާމީން ވިދާޅުވީ، އެވަރުގެ ބޮޑު މުސާރައިގެ އޮނިގަނޑެއް ދެމެހެއްޓޭނެ މިންވަރަށް ރާއްޖޭގެ އިގްތިސާދަށް ފައިސާ ނުވަންނަ ކަމަށާއި، މިއީ ހަމައެކަނި އިންތިޚާބަށް އަމާޒުކޮށްގެން ހިންގާ ސިޔާސީ ކަމެއް ކަމަށް ބެލެވޭ ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު