ގުޅީ ފަޅު
ގުޅީ ފަޅު
މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތު "އެންމެނަށް ބޯހިޔާވަހިކަން" މަޝްރޫއުގެ ދަށުން ފުލެޓާއި ގޯއްޗަށް އެދުމުގެ ފުރުސަތު ހުޅުވާލިތާ ފުރަތަމަ 24 ގަޑިއިރު ތެރޭގައި 500 އަށްވުރެ ގިނަ ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު، ގޯއްޗާއި ފްލެޓަށް އެދުމަށް އިއްޔެ ހުޅުވާލުމާއެކު ޖުމްލަ 518 ފޯމް ވަނީ ހުށައަޅާފައެވެ. މީގެ ތެރޭގައި ހިމެނެނީ ފުލެޓަށް އެދި ހުށަހެޅި 399 ފޯމާއި، ގޯއްޗަށް އެދި ހުށަހެޅި 119 ފޯމެވެ. މީގެ އިތުރުން، ފޯމު ފުރުމުގެ މަރުހަލާ ނުވަތަ ޑްރާފްޓިން ސްޓޭޖުގައި 3،836 ފޯމެއް ވާކަމަށް ވެސް އެ މިނިސްޓްރީން ފާހަގަ ކޮށްފައިވެއެވެ.

ހައުސިން މިނިސްޓްރީން ބުނެފައިވަނީ، ގޯއްޗަށް އެދުމުގެ ސުންގަޑި 2026 މާރިޗު 4 ވަނަ ދުވަހުގެ 23:59 އަށް ހަމަވާނެ ކަމަށާއި، ފުލެޓަށް އެދުމުގެ ސުންގަޑި 2026 އޭޕްރީލް 17 ވަނަ ދުވަހުގެ 23:59 އަށް ހަމަވާނެ ކަމަށެވެ.

ގޯއްޗާއި ފްލެޓަށް އެދި ހުށަހަޅަންޖެހެނީ ހައުސިން މިނިސްޓްރީގެ "ހިޔާވަހި" ޕޯޓަލް މެދުވެރިކޮށެވެ.

މި މަޝްރޫއުގެ ދަށުން ޖުމްލަ 7،900 ފުލެޓާއި، 1،250 އަކަފޫޓުގެ 15،000 ގޯތި ދޫކުރުމަށް ވަނީ ނިންމާފައެވެ. ގޯތި ދޫކުރުމުގައި މާލޭގެ ރަށްވެހިންނަށް ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިން ގޯތި ލިބޭއިރު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.

ކުރީގެ ސަރުކާރުން ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް އަމާޒުވި ފާޑުކިޔުންތަކަށް ރިއާޔަތްކޮށް، މި ސަރުކާރުން ބުނެފައިވަނީ މިހާރު ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއް މި ދައުރު ނިމުމުގެ ކުރިން ނިންމައި ރައްޔިތުންނަށް އެ ތަންތަނަށް ވަދެވޭނެ ކަމަށެވެ. މިގޮތުން، ފުލެޓަށް ކުރިމަތިލާ ފަރާތްތަކަށް ލިބޭނީ ކިތައް ކޮޓަރީގެ ފުލެޓެއްކަން ކަނޑައަޅާނީ ހައުސިން މިނިސްޓްރީން ކަމަށް އުސޫލުގައި ވަނީ ބަޔާންކޮށްފައެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވައުދުފުޅާ އެއްގޮތަށް، 18 އަހަރުން މަތީގެ ކޮންމެ ދިވެއްސަކަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދިނުމަކީ މި ސަރުކާރުގެ މައިގަނޑު އަމާޒެވެ. ނިމިދިޔަ 2025 ވަނަ އަހަރަކީ ބޯހިޔާވަހިކަމުގެ އަހަރުގެ ގޮތުގައި ކަނޑައެޅި ނަމަވެސް، ބަޖެޓުގެ ދަތިކަމާއެކު ބައެއް މަސައްކަތްތަކަށް ލަސްތަކެއް އައިސްފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު