ސާފް ފުޓްސަލް: އިންޑިއާ ބަލިކޮށް ރާއްޖޭން ސައްތަ އިން ސައްތަ ރެކޯޑު ދަމަހައްޓައިފި
ސާފް ފުޓްސަލް: އިންޑިއާ ބަލިކޮށް ރާއްޖޭން ސައްތަ އިން ސައްތަ ރެކޯޑު ދަމަހައްޓައިފި
މިހާރު ތައިލެންޑުގައި ކުރިއަށްދާ ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި، މިއަދު ކުޅުނު މެޗުގައި އިންޑިއާ އަތުން 5-0 އިން މޮޅުވެ، ރާއްޖޭން މޮޅުވުމުގެ ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ތާވަލުގެ އެއްވަނަ މަގާމު ދަމަހައްޓައިފި އެވެ.

ރާއްޖޭން ވަނީ މުބާރާތުގައި މިހާތަނަށް ކުޅުނު ތިން މެޗުން ވެސް މޮޅުވެފަ އެވެ. އެގޮތުން ފުރަތަމަ މެޗުގައި ޕާކިސްތާން އަތުން 7-1 އިން މޮޅުވިއިރު، ދެވަނަ މެޗުގައި ބަންގްލަދޭޝް ބަލިކުރީ 6-1 ގެ ނަތީޖާއަކުންނެވެ.

މިއަދުގެ މެޗަށް ރާއްޖެ ނުކުތްއިރު، ނޭޕާލާ 4-4 އިން އެއްވަރުކޮށް ޕާކިސްތާނުން ވަނީ ވަގުތީ ގޮތުން ތާވަލުގެ އެއްވަނަ ހޯދާފަ އެވެ. ނަމަވެސް، އިންޑިއާ އަތުން ލިބުނު ބޮޑު މޮޅާ އެކު، ރާއްޖޭން ވަނީ ތިން މެޗުން ނުވަ ޕޮއިންޓް ހަމަކޮށް، އެއް މެޗު އިތުރަށް ކުޅެފައިވާ ޕާކިސްތާނަށް ވުރެ ދެ ޕޮއިންޓް ކުރީގައި އޮވެ އަލުން އެއްވަނަ މަގާމު ކަށަވަރުކޮށްފަ އެވެ. ސާފްގެ ފުރަތަމަ ފުޓްސަލް މުބާރާތުގެ ތަށި ހޯދުމަށް ރާއްޖެއަށް މިހާރު ބާކީ އޮތް ތިން މެޗުން ބޭނުންވަނީ އެންމެ ފަސް ޕޮއިންޓެވެ.

ނޮންތަބުރީ އިންޑޯ ހޯލުގައި މިއަދު ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އިންޑިއާ އިން ވަނީ ރާއްޖެއަށް ވަރަށް ބޮޑަށް ބާރުބޮޑުކޮށްފަ އެވެ. މި ހާފުގައި ރާއްޖޭގެ ފަސް ފައުލު ހަމަވި ނަމަވެސް، އިތުރު ފައުލެއް ނުކޮށް ރާއްޖޭގެ ކުޅުންތެރިން ވަނީ ވަރަށް ރަނގަޅަށް ގޭމް މެނޭޖްކޮށްފަ އެވެ. ރާއްޖޭގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ހޯދައިދިނީ އަބްދުﷲ ޝާފިއު (ޝާއްޕެ) ދިން ބޯޅައަކުން މުހައްމަދު އިމްރާން (އިންމި) އެވެ.

ދެވަނަ ހާފު ފެށިގެން ހަތަރު މިނިޓް ތެރޭ ރާއްޖޭން ވަނީ އިތުރު ދެ ގޯލު ޖަހައި ލީޑު ފުޅާކޮށްފަ އެވެ. ދެވަނަ ލަނޑު ޝާއްޕެ ކާމިޔާބު ކުރިއިރު، ތިންވަނަ ލަނޑު ޖަހައިދިނީ އަލީ ޝަމާލް އަބްދުﷲ (ޝަންމު) އެވެ. މެޗުގެ ތެރެއަށް އެނބުރި އައުމަށް އިންޑިއާ އިން "ޕަވަޕްލޭ" ބޭނުންކުރަން ފެށި ނަމަވެސް، އޭގެ ފައިދާ ނަގައި އިންމި ވަނީ އަމިއްލަ ހާފުގައި ހުރެ ފޮނުވާލި ބޯޅައަކުން ރާއްޖޭގެ ހަތަރުވަނަ ގޯލު ޖަހާފަ އެވެ. މެޗުގެ ފަހު ލަނޑު ޖަހައިދިނީ އަހުމަދު ހަމީދު (އައްމަޑޭ) އެވެ.

މުޅި މެޗުގައި ވެސް ރާއްޖޭގެ ގޯލްކީޕަރު ޒައިދާން އަހުމަދު (އަސޫ) ވަނީ އިންޑިއާގެ ހަމަލާތައް ހުއްޓުވުމުގައި ތަފާތު މޮޅު ކުޅުމެއް ދައްކާފަ އެވެ. އަދި ދެވަނަ ހާފުގައި ރާއްޖޭގެ ހުސެއިން ޝަރީފް (އޮންލީ) އަށް ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން އިންޑިއާގެ ލަލްސަންގްކިމާ އަށް ވަނީ ރަތް ކާޑެއް ދައްކާފަ އެވެ. މުބާރާތުގައި ރާއްޖެއަށް ދެން އޮތީ ބުރާސްފަތި ދުވަހު ނޭޕާލާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ފަހުން ހޮނިހިރު ދުވަހު ބޫޓާނާ ބައްދަލުކުރާއިރު، ފަހު މެޗުގައި އަންނަ ހޯމަ ދުވަހު ނުކުންނާނީ ލަންކާއާ ދެކޮޅަށެވެ.



ކިޔުންތެރިންގެ ހިޔާލު