މި އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައި ބިމުގެ ދަމާބާރު ނުވަތަ ގްރެވިޓީ ހަތް ސިކުންތަށް މެދުކެނޑިދާނެ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ވާހަކަތަކަށް އެމެރިކާގެ ޖައްވީ އިދާރާ، ނާސާ އިން ރައްދު ދީފިއެވެ.

ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ފެތުރެމުންދާ މި ނަޒަރިއްޔާތުގައި ބުނާ ގޮތުން، އޯގަސްޓް 12، 2026 ގައި ބިމުގެ ދަމާބާރު މެދުކެނޑުމުގެ ސަބަބުން ދުނިޔެއަށް ބޮޑެތި ގެއްލުންތަކެއް ލިބި، 40 މިލިއަނަށް ވުރެ ގިނަ މީހުން މަރުވާނެއެވެ.

މި ވާހަކަތައް ބިނާކޮށްފައި ވަނީ ނާސާގެ ސިއްރު ލިޔެކިޔުންތަކަކުން ލީކުވެފައިވާ މަޢުލޫމާތެއްގެ މައްޗަށް ކަމަށް އެ ތިއަރީ ފަތުރާ ފަރާތްތަކުން ދައުވާ ކުރެއެވެ. ނަމަވެސް، ނާސާ އިން ވަނީ މި ވާހަކަތައް ދޮގުކޮށް، އެއީ އެއްވެސް އިލްމީ އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ބުނެފައެވެ.

ނާސާ އިން ސާފުކޮށްދިން ގޮތުގައި، ދުނިޔޭގެ ދަމާބާރު ބިނާވެފައި ވަނީ ދުނިޔޭގެ ބަރުދަނުގެ މައްޗަށެވެ. އެހެންކަމުން، ބިމުގެ ދަމާބާރު މެދުކެނޑޭނަމަ، ދުނިޔޭގެ މުޅި ނިޒާމުގައި ހިމެނޭ މާއްދާތައް ކަމަށްވާ ބިމުގެ ކޯ، މެންޓްލް، ކަނޑުތަކާއި ޖައްވުގެ ބަރުދަން އެއްކޮށް ނެތިދާން ޖެހެއެވެ. މިއީ ފިޒިކްސްގެ ހަމަތަކުން ބަލާއިރު ވާނެ ކަމެއް ނޫން ކަމަށް ނާސާ އިން ބުނެއެވެ.

މީގެ އިތުރުން، އެ ތިއަރީގައި ބުނާ ތާރީޚުގައި ހިނގާނެ ހަމައެކަނި ފާހަގަކޮށްލެވޭ ކަމަކީ އިރުކޭތައެއް ކަމަށާއި، އިރުކޭތައިގެ ސަބަބުން ބިމުގެ ދަމާބާރަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށްވެސް އެ އިދާރާއިން ކަށަވަރުކޮށްދެއެވެ. އިރާއި ހަނދުގެ ސަބަބުން ކަނޑުގެ ރާޅުތަކަށް ނުވަތަ އޮއިވަރަށް އަސަރު ކުރި ނަމަވެސް، މިއީ ސައިންސްވެރިންނަށް ރަނގަޅަށް އެނގޭ އަދި އެތައް އަހަރެއް ކުރިން ކުރިއާލާ ބުނަން އެނގޭ ކަންކަން ކަމަށް ނާސާ އިން ފާހަގަކުރިއެވެ.

މިފަދަ ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރަނީ އާންމުންގެ މެދުގައި ބިރުވެރިކަން އުފެއްދުމަށް ކަމަށް ސައިންސްވެރިން ދެކެއެވެ. އެހެންކަމުން، ސޯޝަލް މީޑިއާގައި ފެންނަ ކޮންމެ ވާހަކައެއް ގަބޫލުކުރުމުގެ ބަދަލުގައި، ރަސްމީ އިދާރާތަކުން ނެރޭ މަޢުލޫމާތަށް ސަމާލުވުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސް ކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު