އީރާނުގައި މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުން ފެށިގެން ކުރިއަށްދާ ސަރުކާރާ ދެކޮޅު ވަރުގަދަ މުޒާހަރާތަކަކީ ފަހުގެ ތާރީޚެއްގައި އެގައުމުގައި ހިނގަމުންދާ އެންމެ ބޮޑު އަދި އެންމެ ގިނަ ދުވަހަށް ދެމިގެންގޮސްފައިވާ މުޒާހަރާތަކެވެ.

އީރާނުގެ އުތުރާއި ދެކުނުގެ އިތުރުން އިރުމައްޗާއި ހުޅަނގުގެ ސިޓީތަކަށް ފެތުރިފައިވާ މި ހަރަކާތްތަކުގައި، ތަފާތު ދީންތަކާއި އިޖުތިމާއީ ފަންތިތަކުގެ މީހުން ބައިވެރިވަމުންދާއިރު، މީގެ ތެރޭގައި އެގައުމުގެ ކްރިސްޓިއަން ރައްޔިތުންވެސް ހިމެނެއެވެ. އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރިޕޯޓްކުރާ ގޮތުގައި، ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިންނަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގައި ބައެއް ކްރިސްޓިއަނުން މަރުވެ، ގިނަ ބަޔަކު ވަނީ ޒަޚަމްވެފައެވެ.

އީރާނުގައި ދީނީ މިނިވަންކަމަށް މަސައްކަތްކުރާ ލަންޑަނުގެ "އާޓިކަލް 18" އިން ހާމަކުރި ގޮތުގައި، ފާއިތުވި ދުވަސްތަކުގައި ސަލާމަތީ ބާރުތަކުން ދިން ހަމަލާތަކުގައި އާމީނިއާ ދަރިކޮޅުގެ ހަތް ކްރިސްޓިއަނަކު ވަނީ މަރުވެފައެވެ. ނަމަވެސް އާމީނިއާގެ މީޑިއާތަކުން މިހާތަނަށް ކަށަވަރުކޮށްދީފައިވަނީ ވެރިރަށް ތެހެރާނުގައި މަރުވި އެޖްމިން މަސީހީގެ ނަން އެކަންޏެވެ. މީގެ އިތުރުން، ޝީރާޒް ސިޓީގައި ފުލުހުން ދިން ބަޑީގެ ހަމަލާތަކެއްގައި ދެ ޒުވާނަކު ޒަޚަމްވެގެން ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

މި މުޒާހަރާތަކުގައި ކްރިސްޓިއަނުން އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައިވެސް މުހިންމު ދައުރެއް އަދާކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ. "އީރާން އެލައިވް މިނިސްޓްރީޒް" ގެ ރައީސް ހޯރްމޯޒް ޝަރިއަތު ވިދާޅުވި ގޮތުގައި، ބައެއް ކްރިސްޓިއަނުން ދަނީ މުޒާހަރާގެ ބައިވެރިންނަށް ކާބޯތަކެއްޗާއި ފެން ފޯރުކޮށްދެމުންނެވެ. އަދި ސަރުކާރުގެ ލޮލަށް ނުފެންނާނޭހެން، އަމިއްލަ ގޭގޭގައި ތިބެގެން އަނިޔާލިބޭ މީހުންނަށް ފަރުވާ ދެމުންދާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ނުތަނަވަސްކަމުގެ ތެރޭގައި، އީރާނުގެ ފާރްސް ޕްރޮވިންސުން އެކަނިވެސް މަދުވެގެން 10 ކްރިސްޓިއަނަކު ހައްޔަރުކޮށްފައިވާ ކަމަށް "ބާނަބަސް އެއިޑް" އިން ރިޕޯޓްކޮށްފައިވެއެވެ. އީރާނުގެ ސަލާމަތީ ބާރުތަކުން ދަނީ ކްރިސްޓިއަނުންގެ ގޭގެއަށް ވަދެ، މުޒާހަރާތަކަށް ހިތްވަރުދޭ ކަމުގެ ތުހުމަތުގައި އެމީހުން ހައްޔަރުކުރަމުންނެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން އިންޒާރުދޭ ގޮތުގައި، ބޭރުގެ ނުފޫޒު އޮތް ކަމަށް ބުނެ ސަރުކާރުން ކުރާ ތުހުމަތުތަކުގެ ޝިކާރައަކަށް ކްރިސްޓިއަނުން ވުމުގެ ފުރުސަތު ބޮޑެވެ.

އީރާނު ސަރުކާރުން މުޅި ގައުމުން އިންޓަނެޓް ކަނޑާލާފައިވުމުގެ ސަބަބުން، އެގައުމުގައި ހިނގަމުންދާ ކަންކަމުގެ ސައްހަ މައުލޫމާތު ހޯދުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މި "ބްލެކްއައުޓް" ގެ ނިވާފަތްގަނޑުގައި، ސަލާމަތީ ބާރުތަކުން ބޭނުންހާ ގޮތަކަށް މީހުން ހައްޔަރުކޮށް، ގާނޫނާ ޚިލާފަށް މީހުން މަރަމުންދާފާނެ ކަމުގެ ބިރުވެރިކަން މިހާރު ވަނީ އިންތިހާއަށް ބޮޑުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު