ރައީސް ޔާމީން
ރައީސް ޔާމީން
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ބޭއްވި ޓައުން ހޯލް ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒު ގެންދަވަނީ "ދެއުޅިއެއް ނުވާ" ޚުދުމުހުތާރު ސިފަތަކެއް ދައްކަވަމުން ކަމަށާއި، ސަރުކާރާއި މަޖިލިސް ލިބިފައި އޮތްއިރުވެސް ނުދެއްކުނު ތަރައްގީއެއް، ކައުންސިލް ގޮނޑިތައް ދީގެން ގެނެސްދޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

ރައީސް ޔާމީންގެ ވާހަކަފުޅުގައި ބޮޑަށް އަލިއަޅުއްވާލެއްވީ ކައުންސިލް އިންތިޚާބާ ދިމާކޮށް ސަރުކާރުން ބޭނުންކުރާ ބަހުރުވަޔަށެވެ. އެމަނިކުފާނު ވިދާޅުވީ ޕީއެންސީއަށް ކައުންސިލްތައް ނުދީފިނަމަ ރަށްރަށަށް ތަރައްގީ ނުގެންނާނެ ކަމަށް ބުނެ ރައްޔިތުންނަށް އިންޒާރުދީ ބިރުދެއްކުމަކީ ތަހުޒީބީ މުޖުތަމައުތަކާ ބީރައްޓެހި ކަމެއް ކަމަށެވެ. އަދި އަތޮޅުތަކުގެ ބާރަކީ އެ އަތޮޅެއްގެ ރައްޔިތުންގެ އެއްޗެއްކަން ފާހަގަކުރައްވައި، ކައުންސިލްތައް ދިން ކަމުގައި ވިޔަސް ތަރައްގީ ގެނެސްދޭނީ ހަމައެކަނި ރައީސް މުއިއްޒު ބޭނުންވާ ނަމަ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން، ދައުލަތުގެ ބާރުތައް ރައީސްގެ މުށުތެރެއަށް ޖަމާވަމުންދާ ކަމުގެ ތުހުމަތު ކުރައްވަމުން ރައީސް ޔާމީން ވިދާޅުވީ، ރައްޔިތުންނަށް ވަމުންދާ އިހުމާލުގެ އެންމެ ބޮޑު ޒިންމާއެއް ނަގަންޖެހޭނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ކަމަށެވެ.

މަޖިލިސް މެމްބަރުން އެމީހުންގެ ޒިންމާ އަދާނުކޮށް ރައީސް މުއިއްޒަށް ބައިއަތު ހިފުމުގެ ނަތީޖާއަކީ ހުރިހާ ބާރެއް ރައީސްގެ މުށުތެރެއަށް ދަމައިގަތުން ކަމަށް އެމަނިކުފާނު ސިފަކުރެއްވިއެވެ. އެހެންކަމުން، ކުރިއަށް އޮތް އިންތިޚާބުތަކުގައި ރައްޔިތުން ވޯޓުލުމުގައި އިސްކަންދޭންވީ މިނިވަން ކެންޑިޑޭޓުންނަށް ކަމަށް ރައީސް ޔާމީން ވަނީ އިލްތިމާސްކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު