ކުރީނެ ނައިބު ރައީސް މުހައްމަދު ޖަމީލް
ކުރީނެ ނައިބު ރައީސް މުހައްމަދު ޖަމީލް
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް ދައުވާތައް އުފުލައި، އެމަނިކުފާނަށް ކުރިމަތި ކުރަމުންދާ ގޮންޖެހުންތަކަކީ އެމަނިކުފާނާ ސިޔާސީ ގޮތުން ވާދަކުރަން ބިރުގަންނާތީ ކުރާ ކަންތައްތަކެއް ކަމަށް ޕީޕަލް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވަނީ އެކްސް (ކުރީގެ ޓްވިޓާ) ގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ރައީސް ޔާމީން ޖަލު ބަންދުގައި ހުންނެވުމަށްފަހު މާލެ ވަޑައިގެންނެވި މަންޒަރުތަކާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާ ކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ތަގުރީރުގެ މަންޒަރުތައް ހިމެނޭ ވީޑިއޯއެއްވެސް ވަނީ ހިއްސާކުރައްވާފައެވެ.

ރައީސް ޔާމީންގެ އިސްތަށިފުޅުގައި އެކި ކަހަލަ އިލްޒާމުތައް އަޅުވައި، ނުހައްގުން އަދަބު ދެމުންދާއިރުވެސް އެމަނިކުފާނު ދައްކަވަމުން ގެންދަވާ ސާބިތުކަމާއި ވަރުގަދަ އަޒުމަށް ޑރ. ޖަމީލް ވަނީ ސާބަސް ދެއްވާފައެވެ. އަދި ކޯޓުތަކުގައި ތަކުރާރުކޮށް އެމަނިކުފާނަކީ މައުސޫމް ބޭފުޅެއްކަން ސާބިތުވަމުންދާކަންވެސް ޑރ. ޖަމީލް ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ޑރ. ޖަމީލް ވިދާޅުވީ މިއަދު ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހުންނެވި އެންމެ މަގުބޫލު ލީޑަރަކީ ރައީސް ޔާމީން ކަމަށެވެ. އެމަނިކުފާނާ ދެކޮޅަށް ހިންގާ ސިޔާސީ ދައުވާތަކަކީ އެ މަގުބޫލުކަމަށް ހުރަސް އެޅުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ޖަމީލް ސިފަކުރެއްވިއެވެ.



ކިޔުންތެރިންގެ ހިޔާލު