ސޯޝަލް މީޑިއާ
ސޯޝަލް މީޑިއާ
އިންޑިއާގެ މަދްޔަ ޕްރަދޭޝްގެ ބެތުލް ޑިސްޓްރިކްޓްގައި ހުރި އަމިއްލަ ސްކޫލެއް، އެއީ ހުއްދަ ނެތް މަދަރުސާއެއް ކަމަށް ބުނެ ފެތުރި ދޮގު މައުލޫމާތުތަކަކާ ގުޅިގެން ސަރުކާރުގެ އިދާރާތަކުން އެތަން ތަޅާލައިފިއެވެ.

"ދާބާ" ނަމަކަށް ކިޔާ އަވަށެއްގައި ބިނާކުރި މި ސްކޫލަކީ އެ ސަރަހައްދުގައި ދިރިއުޅޭ އަބްދުލް ނައީމް ނަމަކަށް ކިޔާ މީހަކު، އޭނާގެ އަމިއްލަ ޖީބުން 20 ލައްކަ ރުޕީސް ހޭދަކޮށްގެން ހަދަން ފެށި ތަނެކެވެ. މި ފައިސާއަކީ އޭނާގެ އަމިއްލަ ސޭވިންގްސްގެ އިތުރުން ދަރަންޏަށް ނަގައިގެން ހޯދި ފައިސާ ކަމަށް މައުލޫމާތު ލިބެއެވެ.

ނައީމްގެ މައިގަނޑު މަޤްޞަދަކީ އެ ސަރަހައްދުގައި ދިރިއުޅޭ ނިކަމެތި "އަދިވާސީ" (ޓްރައިބަލް) ކުދިންނަށް ފަސޭހަކަމާއެކު ތައުލީމު އުނގަންނައިދިނުމެވެ.

ނާސަރީން ފެށިގެން ގްރޭޑް 8 އާ ހަމައަށް ކިޔަވައިދޭ ގޮތަށް ފަރުމާކުރި މި ސްކޫލް އެޅުމުގެ ކުރިން، އެ އަވަށުގެ ކުދިން ތައުލީމު ހާސިލްކުރުމަށްޓަކައި އެތައް މޭލެއް ދުރަށް ދަތުރުކުރަން ޖެހެއެވެ. ނަމަވެސް ސްކޫލްގެ މަސައްކަތް ނިމުމަކާ ގާތްވެފައި ވަނިކޮށް، ސޯޝަލް މީޑިއާގައި އެތަނަކީ ހަރުކަށި ފިކުރު ފަތުރާ މަދަރުސާއެއް ކަމަށް ބުނެ ދޮގު އަޑުތަކެއް ވަނީ ފަތުރާފައެވެ.

މިކަމާ ގުޅިގެން މިދިޔަ ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ކަމާބެހޭ އިދާރާތަކުން ބުލްޑޯޒަރު ބޭނުންކޮށްގެން ވަނީ ސްކޫލްގެ ފާރުތަކާއި އިމާރާތުގެ ބައެއް ބައިތައް ބިމާ ހަމަކޮށްފައެވެ.

ނައީމް ބުނި ގޮތުގައި އޭނާ ވަނީ ސްކޫލް އެޅުމަށް ބޭނުންވާ ލޯކަލް ޕަންޗާޔަތުގެ "ނޯ އޮބްޖެކްޝަން ސެޓްފިކެޓް" ހޯދައި، އެޑިއުކޭޝަން ޑިޕާޓްމަންޓަށް ހުއްދައަށް އެދި ހުށަހަޅާފައެވެ. އަދި ލިޔެކިޔުމެއްގައި އުނިކަމެއް ހުރި ނަމަވެސް ޖޫރިމަނާއެއް ދައްކައިގެން އެކަން ހައްލުކުރުމުގެ ފުރުސަތަކަށް އޭނާ އެދުނެވެ. ނައީމް އިތުރަށް ފާހަގަކުރި ގޮތުގައި އެ އަވަށަކީ އެންމެ ތިން މުސްލިމް އާއިލާ ދިރިއުޅޭ ތަނެކެވެ.

އެހެންކަމުން އެތަނުގައި ހަމައެކަނި މުސްލިމުންނަށް ޚާއްޞަ މަދަރުސާއެއް ހިންގުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި، އޭނާގެ އުންމީދަކީ މުޅި އަވަށުގެ ހުރިހާ ދަރިވަރުންނަށް އުނގަންނައިދިނުން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެއްވެސް އިންޒާރަކާ ނުލައި ކުއްލި ގޮތަކަށް ސަރުކާރުން މި ފިޔަވަޅު އެޅުމުން އޭނާގެ ހުރިހާ މަސައްކަތެއް ވަނީ ފެނަށް ވެފައެވެ.

މި ހާދިސާއާ ގުޅިގެން އިންޑިއާގެ އިދިކޮޅު ސިޔާސީ ފަރާތްތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ދަނީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ފާޑުކިޔަމުންނެވެ.

އެފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި މިއީ ވަކި ދީނަކަށް ނިސްބަތްވާ މީހަކަށް ވީތީ، ދޮގު ތުހުމަތުތަކެއްގެ މައްޗަށް ބިނާކޮށް ހިންގި ބޭއިންސާފު އަމަލެކެވެ. މިއީ އިންޑިއާގައި މުސްލިމުންގެ މުދަލަށް އަމާޒުކޮށް ހިންގާ "ބުލްޑޯޒަރު ޖަސްޓިސް" ގެ ސިޔާސަތުގެ ބައެއް ކަމަށްވެސް ގިނަ ބަޔަކު ސިފަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު