ވޯލްޑް އިކޮނޮމިކް ފޯރަމްގެ ހަވާސާގެ ތެރެއިން ރާއްޖޭގެ އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު އިންޑިއާގެ "ވިއޮން ނިއުސް" އަށް ދެއްވި އިންޓަވިއުއަކާ ގުޅިގެން، ސަރުކާރުގެ ވަޒީރުންގެ ފެންވަރާ މެދު އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ބޮޑު އެއް އިގްތިސާދު ކަމަށްވާ އިންޑިއާ އާ ޖެހިގެން ރާއްޖެ އޮތްއިރު، ރާއްޖޭގައި އިންވެސްޓް ކުރަންވީ ސަބަބަކީ ކޮބައިތޯ ނޫސްވެރިޔާ ކުރި ސުވާލަށް މިނިސްޓަރު ދެއްވި ޖަވާބުތަކަކީ ވަރަށް "ކޮށި" އަދި ޑިޕްލޮމެޓިކް މިންގަނޑުތަކަށް ނުފެތޭ ޖަވާބުތަކެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަކޮށްފަ އެވެ.





މި އިންޓަވިއުގައި މިނިސްޓަރު ސައީދު ވިދާޅުވެފައިވަނީ ރާއްޖެއަކީ ދުނިޔެ "ސްޓްރެސް" ވުމުން އޮތް ގުދުރަތީ ހައްލެއް ކަމަށާއި، ރާއްޖޭގެ ދޮންވެލިގަނޑާއި ރީތި ފަޅުތަކަކީ ރާއްޖެއަށް އިންވެސްޓަރުން އަންނަންޖެހޭ ސަބަބު ކަމަށެވެ. ނަމަވެސް، އިގްތިސާދީ ވަޒީރެއްގެ ހައިސިއްޔަތުން ރާއްޖޭގެ އިގްތިސާދީ ސިޔާސަތުތަކާއި، އިންވެސްޓަރުންނަށް އޮތް ރައްކާތެރިކަމާއި، މާލީ މަންފާތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމުގެ ބަދަލުގައި، ހަމައެކަނި ފަތުރުވެރިކަމުގެ އިޝްތިހާރުގެ ބަސްމަގުން ޖަވާބު ދެއްވުމުން ގިނަ ބައެއްގެ މަލާމާތް ވަނީ ރައްދުވެފަ އެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުކުރި ބައެއް އާއްމުން ބުނެފައިވަނީ، ބައިނަލްއަޤުވާމީ މައިދާނެއްގައި ގައުމު ތަމްސީލުކުރަން ވަޒީރުން ވަޑައިގަންނަވާއިރު މިއަށްވުރެ ބޮޑަށް ތައްޔާރުވާން ޖެހޭނެ ކަމަށެވެ.

"ކޮށާބޮށާ ވާހަކަދައްކަން ނޭނގޭ މީހުންނަށް ވަޒީރުކަން ދިނީމަ ވާނީ މިހެން" ކަމަށް ބުނެ ބައެއް މީހުން ވަނީ ސަރުކާރުގެ އިސް މަގާމުތަކަށް މީހުން އައްޔަންކުރުމުގައި ފެންވަރަށް ނުބަލާކަމުގެ ތުހުމަތު ކޮށްފަ އެވެ. އަދި ގްރޭޑް 5 ގެ ކުއްޖަކު ވެސް މިއަށްވުރެ ފުރިހަމައަށް އިނގިރޭސިބަހުން ޖަވާބުދޭނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ މިނިސްޓަރުގެ ގާބިލުކަމާ މެދު ސުވާލު އުފައްދާފަ އެވެ.

އިދިކޮޅު ފަރާތްތަކާއި އާންމު ބައެއްފަރާތްތަކުން ސިފަކުރާގޮތުގައި މިކަމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ނާގާބިލުކަން ހާމަވެގެންދާ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު