ރައީސް ޑރ. މުހައްމަދު މުއިއްޒު މަޑަވެލީ ކައުންސިލާ ބައްދަލުކުރެއްވުން-
ރައީސް ޑރ. މުހައްމަދު މުއިއްޒު މަޑަވެލީ ކައުންސިލާ ބައްދަލުކުރެއްވުން-
މި ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މަޝްރޫއުގެ ދަށުން ގޯއްޗާއި ފްލެޓަށް ކުރިމަތިލާ ފަރާތްތަކަކީ މާލޭގައި 15 އަހަރު މެދުނުކެނޑި އުޅުނު ބައެއްކަމަށް ކަނޑައަޅައި، ކައުންސިލު މެދުވެރިކޮށް އެފަދަ ލިޔުން ދޫނުކުރަން ގދ. މަޑަވެލީ ކައުންސިލުން ނިންމައިފިއެވެ.

މަޑަވެލީ ކައުންސިލުން މިގޮތަށް ނިންމީ މާލޭގައި ދިރިއުޅޭ ފަރާތެއްކަން އަންގައިދޭ ލިޔުން ހޯދުމަށް ގިނަ އަދަދެއްގެ ބަޔަކު އެ ކައުންސިލުގައި އެދެމުންދާތީއެވެ.

އެ ކައުންސިލުން ނެރުނު އިއުލާނުގައި ބުނީ ބިމާއި ފްލެޓަށް އެދި ހުށަހަޅާ ފަރާތްތަކުން މާލޭގައި ދިރިއުޅުނު މުއްދަތު ސާބިތުކޮށްދިނުމަށް ބަލައިގަނެވޭނީ ދައުލަތުގެ އިދާރާއަކުން ރަސްމީކޮށް ބަލަހައްޓާ ލިޔެކިޔުންތަކާއި، އެފަދަ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް އެ އިދާރާއަކުން ދޫކުރާ ލިޔުންތައް ކަމަށެވެ.

ނަމަވެސް، ރަށު ކައުންސިލަކުން ނުވަތަ ސިޓީ ކައުންސިލަކުން މާލޭގައި ދިރިއުޅުނު މުއްދަތު ބަޔާންކޮށް ދޫކުރާ ލިޔުމަކީ އެ ކައުންސިލެއްގައި ބަލަހައްޓާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ދޫކުރާ ލިޔުމެއް ނޫންނަމަ، އެއީ ބަލައިގަނެވޭނެ ލިޔުމެއް ނޫންކަން ހައުސިން މިނިސްޓްރީގެ އުސޫލުތަކުން އެނގޭކަމަށް މަޑަވެލީ ކައުންސިލުން ނެރުނު އިއުލާނުގައި ވެއެވެ.

މާލޭގައި މީހުން ދިރިއުޅޭ މުއްދަތުގެ އެއްވެސް މައުލޫމާތެއް އެ ކައުންސިލުން ބަލަހައްޓާފައި ނުވާތީ، އެފަދަ ލިޔުމެއް ދޫކުރުމަކީ ކައުންސިލަށް ކުރެވެން އޮތް ކަމެއް ނޫން ކަމަށް މަޑަވެލީ ކައުންސިލުން ވަނީ ބުނެފައެވެ.

"ބޯހިޔާވަހިކަން އެންމެންނަށް" ސްކީމުގެ ދަށުން 7900 ފުލެޓު ދޫކުރާއިރު، 1250 އަކަފޫޓުގެ 15,000 ގޯތި ދޫކުރަން ހަމަޖެހިފައިވެއެވެ.

އޭގެ ތެރެއިން ގޯތި ދޫކުރަނީ ދެ ކެޓަގަރީން ކަމަށްވާއިރު މާލޭ ރަށްވެހިންނަށް އަދި ޚާއްޞަ އިސްކަންދެވޭ ކެޓަގަރީތަކަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގްރޭޓާ މާލޭ ސަރަހައްދުންނާއި ރަސްމާލެއިންނެވެ. އަދި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް ގޯތި ދޫކުރަން ހަމަޖެހިފައިވަނީ ހަމައެކަނި ރަސްމާލެއިންނެވެ.



ކިޔުންތެރިންގެ ހިޔާލު