4،000 ހައުސިންގ ޔުނިޓުގެ މޮޑެލްއެއް
4،000 ހައުސިންގ ޔުނިޓުގެ މޮޑެލްއެއް
މިސަރުކާރުގެ "ޢާއިލީ ބޯހިޔާވަހިކަން" ޕްރޮގްރާމުގެ ދަށުން ދޫކުރާ ބިމާއި ފްލެޓަށް އެދި ހަފްތާއެއްގެ ތެރޭގައި 1،616 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ހާމަކޮށްފިއެވެ.

ހައުސިންގ މިނިސްޓްރީން ބުނީ، އިއްޔެގެ ނިޔަލަށް 1،160 ފަރާތަކުން ފްލެޓަށް އެދި ހުށަހަޅާފައިވާއިރު، ބިމަށް އެދި 456 ފަރާތަކުން ކުރިމަތިލާފައިވާ ކަމަށެވެ. މީގެ އިތުރުން، ފޯމު ފުރުމުގެ މަރުހަލާގައި 7،605 އެޕްލިކޭޝަނެއް މިހާރުވެސް އެބައޮތް ކަމަށް އެ މިނިސްޓްރީން މައުލޫމާތުދެއެވެ.

މި މަޝްރޫއުގެ ދަށުން ޖުމުލަ 7500 ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވާއިރު، މާލެ ރަށްވެހިންނަށް ވަނީ 4000 ފުލެޓު ހާއްސަ ކޮށްފައެވެ. އަދި މާލޭގައި ރަށްވެހިވެފައިނުވި ނަމަވެސް މާލޭގައި ދިރިއުޅެމުންދާ ފަރާތްތަކަށް 1500 ފުލެޓު ދޫކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން، ދައުލަތުގެ މުއައްސަސާތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ހާއްސަ ކެޓަގަރީތަކުގެ މީހުންނަށް ވެސް ފުލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ.

ގޯތީގެ އުސޫލުގެ ދަށުން 1250 އަކަފޫޓުގެ ޖުމުލަ 15000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ. މީގެ ތެރެއިން މާލޭގެ ރަށްވެހިންނަށް 10000 ގޯތި ހާއްސަކޮށްފައިވާއިރު، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ ރަށްވެހިންނަށް 3000 ގޯތި ވަނީ ހާއްސަކޮށްފައެވެ.

މާލޭގެ ހަނި ގޯޅިތަކުގައި ހުރުމުގެ ސަބަބުން އެ ބިމެއް ތަރައްގީކުރުމަށް ދަތިވާ ގޯތިތަކާ ލާޖެއްސައިގެން ގޯތި ބަދަލުކުރާ ފަރާތްތަކަށް 1500 ގޯތި ހާއްސަކޮށްފައިވެއެވެ. މީގެ އިތުރުން، މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމްވެފައިވާ ފަރާތްތަކަށް 500 ގޯތި ވަނީ ހާއްސަކޮށްފައެވެ.

ގޯއްޗާއި ފްލެޓް ދޫކުރުމުގެ އަސާސީ ޝަރުޠުތަކާއި ޕޮއިންޓް ދިނުމުގެ އުޞޫލުތައްވެސް ސަރުކާރުން ޢާންމުކޮށްފައިވާއިރު މި އުޞޫލުތަކުގައި ކުރީގެ އުޞޫލުތަކުގައި ނުހިމެނޭ މުހިންމު ބަދަލުތަކެއް ހިމެނެެއެެވެ.

ހައުސިން މިނިސްޓްރީން ބުނީ، ބިމަށް އެޕްލައި ކުރުމުގެ ސުންގަޑިއަކީ މާޗް މަހުގެ 4 ވަނަ ދުވަހުގެ ރޭގަނޑު 23:59 ކަމަށެވެ. އަދި ފްލެޓަށް އެޕްލައި ކުރުމުގެ ފުރުސަތު އޭޕްރިލް 17 ވަނަ ދުވަހުގެ ރޭގަނޑު 23:59 އާ ހަމައަށް އޮންނާނެއެވެ.



ކިޔުންތެރިންގެ ހިޔާލު