ފޮޓޯ: ސާފް
ފޮޓޯ: ސާފް
މި އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ސާފް 20 އަހަރުން ދަށުގެ ޗެމްޕިއަންޝިޕްގެ ގުރުލުން މިއަދު ބާއްވައިފިއެވެ.

ތައިލެންޑްގެ ބެންކޮކްގައި މިއަދު ހަވީރު ކުރިއަށްދިޔަ ގުރުލުމުގެ ރަސްމިއްޔާތުގައި ރާއްޖެ ހިމެނިފައިވަނީ ގުރޫޕް އޭގައެވެ. ރާއްޖެއާއެކު މި ގުރޫޕްގައި ދެން ހިމެނެނީ ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާއެވެ.

ޖުމްލަ ހަތް ޓީމު ވާދަކުރާ މި މުބާރާތުގެ ގުރޫޕް ބީގައި ހިމެނެނީ މިދިޔަ އަހަރުގެ ރަނަރަޕް އިންޑިއާ އާއި، އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝްގެ އިތުރުން ޕާކިސްތާނެވެ. ސާފުން މިއަހަރު ބާއްވާ ފުރަތަމަ ފުޓްބޯޅަ މުބާރާތް ކަމަށްވާ މި މުބާރާތް ރާއްޖޭގައި ކުރިއަށްދާނީ އަންނަ މާޗު މަހުގެ 23 އިން އޭޕްރީލް މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި އުމުރުފުރާގެ މުބާރާތްތަކުގެ ތާރީޚަށް ބަލާއިރު، އިންޑިއާއަކީ 18، 19 އަދި 20 އަހަރުން ދަށުގެ މުބާރާތްތަކުގެ ޗެމްޕިއަންކަން ހަތަރު ފަހަރު ހޯދާފައިވާ އެންމެ ކާމިޔާބު ޓީމެވެ. މިދިޔަ އަހަރު 19 އަހަރުން ދަށަށް ބޭއްވި މުބާރާތުގެ ތަށިވެސް އިންޑިއާ ހޯދީ ފައިނަލްގައި ބަންގްލަދޭޝް ބަލިކޮށްގެންނެވެ. ނަމަވެސް، ހަތަރު ފަހަރު ފައިނަލްގައި ކުޅެފައިވާ ބަންގްލަދޭޝް ވަނީ 2024 ވަނަ އަހަރުގެ 20 އަހަރުން ދަށުގެ މުބާރާތުގެ ފައިނަލްގައި ނޭޕާލް ބަލިކޮށް ތަށި އުފުލާލާފައެވެ.

ރާއްޖޭގެ ޒުވާން ޓީމުން މިދިޔަ އަހަރުގެ 19 އަހަރުން ދަށުގެ މުބާރާތުގައި ރަނގަޅު ކުޅުމެއް ދައްކައި، ގުރޫޕް ސްޓޭޖުގެ ދެ މެޗު އެއްވަރުކޮށްގެން ސެމީ ފައިނަލަށް ދަތުރުކުރިއެވެ. ނަމަވެސް ސެމީގައި އިންޑިއާ އަތުން ބަލިވެ މުބާރާތުން ވަނީ ވަކިވާން ޖެހިފައެވެ. ރާއްޖެއަށް މި މުބާރާތުގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 2019 ވަނަ އަހަރު ނޭޕާލްގައި ބޭއްވި 18 އަހަރުން ދަށުގެ މުބާރާތުން ތިންވަނަ ހޯދުމެވެ. އެ ފަހަރު ރާއްޖެއިން ބްރޯންޒް މެޑަލް ހޯދީ ތިންވަނަ ހޮވި މެޗުގައި ބޫޓާން ބަލިކުރުމަށްފަހުއެވެ.



ކިޔުންތެރިންގެ ހިޔާލު