އެތައް ކުދި ބަޔަކަށް ޖިންސީ ގޯނާކޮށް ރޭޕްކުރި، ބޮޑު ކުށްވެރިއެއްގެ ގޮތުގައި ފާހަގަކުރެވޭ މިލިއަނަރު ޖެފްރީ އެޕްސްޓީންއާ ގުޅޭގޮތުން އަލަށް އާންމުވި ލިޔެކިޔުންތަކުން ހާމަވާ ގޮތުގައި، މައްކާގެ ކައުބަތުﷲ ގެފުޅުގައި ބޭނުންކުރާ އުރަކޮޅު ނުވަތަ "ކިސްވާ" ގެ ބައެއް އޭނާއަށް ހަދިޔާއެއްގެ ގޮތުގައި ލިބިފައިވެއެވެ.

މި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މި އުރަކޮޅު އޭނާއަށް ލިބިފައިވަނީ އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ) ގެ މަތީ ފަންތީގެ ގުޅުންތަކެއް މެދުވެރިކޮށެވެ. މިއީ އިސްލާމްދީނުގެ އެންމެ މުގައްދަސް ބިނާއާ ގުޅުންހުރި އެއްޗަކަށް ވުމުން، މިކަމަކީ ބައިނަލްއަގުވާމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް މިހާރު ލިބިފައިވާ ކަމެކެވެ.

އާންމުވެފައިވާ އީމެއިލްތަކުން އެނގޭ ގޮތުގައި، ޔޫއޭއީގެ އިސް ފަރާތްތަކަކާ އެޕްސްޓީންއާ ދެމެދު އޮތް ގާތް ގުޅުމުގެ ތެރެއިން މި ހަދިޔާ އޭނާއަށް ފޮނުވާފައިވަނީ ވަރަށް ހާއްސަ އިހުތިރާމެއްގެ ރަމްޒެއްގެ ގޮތުގައެވެ. މި ތަކެތި ފޮނުވުމުގައި ޔޫއޭއީގެ އެމްބަސީގެ ބައެއް މުވައްޒަފުންނާއި އެ ގައުމުގެ ނުފޫޒުގަދަ ބައެއް ބޭފުޅުން ބައިވެރިވެފައިވާކަން ލިޔުންތަކުން ހާމަވެއެވެ. މި ހަދިޔާ އޭނާއަށް ފޮނުވީ ސަޢުދީ ޢަރަބިއްޔާގެ މަޝްހޫރު އަންހެން ވިޔާފާރި ވެރިއެއް ކަމަށްވާ އަޒީޒާ އަލް އަހުމަދީ ކަމަށް ވެސް ލީކްވެފައިވާ މައުލޫމާތުން އެނގެއެވެ.

ގެފުޅުގެ އުރަކޮޅަކީ އާންމުކޮށް ހޯދަން އުނދަގޫ، ހަމައެކަނި ދައުލަތްތަކުގެ ވެރިންނަށާއި ވަރަށް ހާއްސަ ފަރާތްތަކަށް ހަދިޔާކުރެވޭ އެއްޗަކަށް ވާއިރު، ޖިންސީ ކުށްވެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު އެޕްސްޓީންއަށް މިފަދަ އެއްޗެއް ލިބުމަކީ ގިނަ ބަޔަކު ހައިރާންކުރުވި ކަމެކެވެ.

މި މައުލޫމާތުތައް ފެންމަތިވެފައިވަނީ އެޕްސްޓީންގެ މަރުގެ ފަހުން އޭނާއާ ގުޅުންހުރި ސިއްރު ލިޔެކިޔުންތައް ކޯޓު މެދުވެރިކޮށް އާންމުކުރުމުގެ ތެރެއިންނެވެ. މި ލިޔެކިޔުންތަކުން ދައްކާ ގޮތުގައި އެޕްސްޓީން ވަނީ މެދުއިރުމަތީގެ ގައުމުތަކުގެ އިސް ފަރާތްތަކާއެކު ވިޔަފާރިއާއި އެނޫންވެސް އެކި މުއާމަލާތްތައް ބޭއްވުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. އަދި އޭނާގެ ނުފޫޒު ދުނިޔޭގެ އެކި ކޮޅުތަކަށް ފެތުރިފައި އޮތް މިންވަރު މި ހާދިސާއިން އިތުރަށް ސާފުވެގެންދާ ކަމަށް މުހައްލިލުން ފާހަގަކުރެއެވެ.



ކިޔުންތެރިންގެ ހިޔާލު