ޕެންޝަން އޮފީހުގެ އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމް
ޕެންޝަން އޮފީހުގެ އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމް
ޕެންޝަން އޮފީހާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) މެދުވެރިކޮށް ހިންގަން އުޅޭ 2.4 ބިލިއަން ރުފިޔާގެ މާލީ މުއާމަލާތުގެ މައްސަލަ ބޮޑުވެފައި ވަނިކޮށް ޕެންޝަން އޮފީހުގެ އެކްޓިންގ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމް މިއަދު އިސްތިޢުފާ ދެއްވައިފިއެވެ.

މީގެ ކުރިން ޕެންޝަން އޮފީހުގެ މިމުޢާމަލާތާމެތު ހިތްހަމަ ނުޖެހިގެން ޕެންޝަން އޮފީހުގެ ބޯޑު މެންބަރު އަޙްމަދު ސަރުވަޝް އާދަމާއި، އެ އޮފީހުގެ ސީ.އެފް.އޯ ޙައްވާ ފަޖުވާ މިދިޔަ އަހަރު ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ. އަދި އެ އޮފީހުގެ ބޯޑުގެ ޗެއާޕާސަން އަޙްމަދު އީނާޒް ވެސް މިހަފްތާގައި ވަނީ މަގާމުން އިސްތިއުފާ ދެއްވާފައެވެ.

އެބޭފުޅުން އިސްތިއުފާ ދެއްވާފައި ވަނިކޮށް ޕެންޝަން ބޯޑަށް ވަގުތީ ޗެއަރޕާސަނެއް އައްޔަނުކޮށް ސަރުކާރުން ބޭނުންވި ގޮތަށް އެ މުޢާމަލާތް ކުރިއަށް ގެންދިއުމަށް މިހާރު ވަނީ ފާސްކޮށްފައެވެ. އެކަމާގުޅިގެން ސުޖާތާ މިއަދު ވަނީ ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމުން އިސްތިއުފާ ދެއްވައި، އެކަން އެ އޮފީހުގެ މުވައްޒަފުންނަށް އަންގަވައިފައެވެ. ސުޖާތާ އެ މަގާމަށް އައްޔަން ކުރެއްވީ އެކްޓިން ސީއީއޯއަކަށް ހުންނަވަނިކޮށް 31 އޮކްޓޫބަރު 2022 ގައެވެ.

ސުޖާތާ މަޤާމުން އިސްތިއުފާ ދެއްވާފައިވާއިރު، ކަންބޮޑުވުން އުފެދިފައިވާ މާލީ މުޢާމަލާތާއި ގުޅިގެން މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ރޭ ބުނެފައިވަނީ، ފިނޭންސް މިނިސްޓްރީން ހުށަހަޅާފައިވާ 2.4 ބިލިއަން ރުފިޔާގެ "ޑުއަލް ކަރަންސީ" އިންވެސްޓްމަންޓް ޕްރޮޕޯޒަލްގައި އިންވެސްޓުކުރަނީ ޤާނޫނާއި ގަވާއިދުތަކާ އެގޮތްވާގޮތުގެ މަތިން ކަމަށާއި، މި މުއާމަލާތުގެ ސަބަބުން ޕެންޝަން ފަންޑަށް އެއްވެސް ކަހަލަ ގެއްލުމެއް ނުވާނެ ކަމަށެވެ.

ސަރުކާރުން މަސައްކަތް ކުރަމުންދަނީ، ޕެންޝަން ފަންޑުން މިހާރު ގަނެފައިވާ 2.4 ބިލިއަން ރުފިޔާގެ ބޮންޑް އެމްއެމްއޭ އަށް ވިއްކާލުމަށްފަހު، އެމްއެމްއޭއިން ޕެންޝަން ފަންޑަށް ލިބޭ 2.4 ބިލިއަން ރުފިޔާއިން، މާލީ ވުޒާރާގެ 2.4 ބިލިއަން ރުފިޔާގެ އާ ބޮންޑަށް ޕެންޝަން ފަންޑުން އިންވެސްޓް ކުރުމަށެވެ. ނަމަވެސް އެމްއެމްއޭއިން ފައިސާ ނެރުމަކީ ފައިސާގެ ސަޕްލައި އިތުރުވެ، ފައިސާ ޗާޕުކުރުން ކަމުގައި ބެލެވޭނެ ކަމަށް އިޤްތިޞާދީ މާހިރުން ދަނީ ވިދާޅުވަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު