ސަރުކާރުގެ ކުންފުންޏަކުން ލޮޖިސްޓިކްސް ވިޔަފާރީގެ ތެރެއަށް ވަނުމަކީ ރާއްޖޭގެ އަމިއްލަ ކުންފުނިތަކަށް އޮތް ބޮޑު ނުރައްކަލެއް ކަމަށާއި، އޭގެ ސަބަބުން އެ ވިޔަފާރިތަކުގެ ދުވަސްދާނެ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން "މޯލްޑިވްސް ނޭޝަނަލް ލޮޖިސްޓިކްސް" ގެ ނަމުގައި ސަބްސިޑަރީ ކުންފުންޏެއް އުފައްދައި، ލޮޖިސްޓިކްސްގެ ޚިދުމަތް ދޭން ފެށުމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

އަމީރު ފާހަގަކުރެއްވި ގޮތުގައި، ލޮޖިސްޓިކްސް ސިނާއަތަކީ ރާއްޖޭގައި މިހާރުވެސް އަމިއްލަ ގިނަ ކުންފުނިތަކަކުން ވަރަށް ފުޅާދާއިރާއެއްގައި އަދި ކާމިޔާބުކަމާއެކު ހަރަކާތްތެރިވަމުން އަންނަ ދާއިރާއެކެވެ. ސަރުކާރުން މި ސިނާއަތަށް ވަނުމާއެކު، މިހާރު މި މަސައްކަތް ކުރަމުންދާ އަމިއްލަ ވިޔަފާރިތަކުގެ ދުވަސް ދިޔައީ ކަމަށް އަމީރު ވަނީ ވިދާޅުވެފައެވެ.

އަމީރު މިފަދަ ކަންބޮޑުވުމެއް ފާޅުކުރެއްވިއިރު، މި ދާއިރާގައި ހަރަކާތްތެރިވާ އަމިއްލަ ވިޔަފާރިތަކުން ވެސް ދަނީ މިކަމާ ގުޅިގެން ނުރުހުން ފާޅުކުރަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި، މިއީ އަމިއްލަ ވިޔަފާރިތަކަށް އިސްކަންދީ، އަމިއްލަ ފަރާތްތަކަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ގެންގުޅޭ ސިޔާސަތާ ފުށުއަރާ ކަމެކެވެ.

ލޮޖިސްޓިކްސް ވިޔަފާރިއަކީ ރާއްޖޭގައި އަމިއްލަ ފަރާތްތަކުން ބޮޑެތި އިންވެސްޓްމަންޓްތައް ކޮށްފައިވާ ދާއިރާއަކަށް ވާއިރު، ސަރުކާރުގެ ކުންފުންޏަކުން މި ދާއިރާއަށް ވަނުމަކީ މިނިވަން ވިޔަފާރީގެ މާހައުލަށް އޮތް ގޮންޖެހުމެއް ކަމަށް ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު