ހެނދުނުގެ ވަގުތުތަކުގައި ހަށިގަނޑަށް ހަކަތަ ގެނައުމަށް ބޯލާ ކޮފީއަކީ ހަމައެކަނި ބޯ އެއްޗެއްގެ ގޮތުގައި ބޭނުންކުރުމުގެ ބަދަލުގައި، އެއީ އިސްތަށިގަނޑުގެ ދިރުމަށް ވެސް އޮތް ސައިންސީ ހައްލެއްކަން ދިރާސާތަކުން ދައްކައިފިއެވެ. ފަހުގެ ހޯދުންތަކުން އެނގޭ ގޮތުގައި، ބޮލުގައި ކޮފީ އުނގުޅުމަކީ އިސްތަށި ފޭބުން ހުއްޓުވައި، އިސްތަށިގަނޑު މަޑުކޮށްދީ، އަދި އޭގެ އުޖާލާކަން އިތުރުކޮށްދޭ ކަމެކެވެ.

އިސްތަށި ފޭބުމަށް މެދުވެރިވާ މައިގަނޑު ހޯރމޯން ކަމަށްވާ 'ޑައިހައިޑްރޯޓެސްޓޮސްޓެރޯން' ބްލޮކްކުރުމުގެ ގާބިލުކަން ކޮފީގައި ހިމެނޭ ކެފެއިންއަށް ލިބިގެންވެއެވެ. މިކަމުގެ ސަބަބުން އިސްތަށިގަނޑު ދިގުވުމަށް އެހީތެރިވެދީ، ބޮލުގެ ނާށިގަނޑަށް ލޭ ދައުރުވުން އިތުރުކޮށްދެއެވެ.

ނަތީޖާއެއްގެ ގޮތުން އިސްތަށިގަނޑުގެ މޫތައް ވަރުގަދަވެ، އިސްތަށިގަނޑު ބޯކޮށް ފެނުމަށް މަގުފަހިވެއެވެ. އިސްތަށިގަނޑު ވަރުގަދަކުރުމުގެ އިތުރުން، ކޮފީއަކީ ގުދުރަތީ ކޮންޑިޝަނަރެއްގެ ގޮތުގައި ވެސް ބޭނުންކުރެވިދާނެ އެއްޗެކެވެ.

ކޮފީގައި ގިނަ އަދަދަކަށް އެންޓިއޮކްސިޑެންޓް ފްލޭވޮނޮއިޑްސް ހިމެނޭތީ، މިއީ އިސްތަށިގަނޑުގައި ހުންނަ ކުރަކިކަން ފިލުވައިދީ، ތެތްކަން ހިފަހައްޓައިދޭ ކަމެކެވެ. މީގެ އިތުރުން، ކަޅު ކޮފީގެ ކުލަގަދަ މާއްދާތަކުގެ ސަބަބުން، އިސްތަށިގަނޑުގައި ހުންނަ ނުރަ އިސްތަށިތައް ވަގުތީ ގޮތުން ފޮރުވައިލުމަށް ވެސް އެހީތެރިވެދެއެވެ.

ގޭގައި މިކަން ތަޖުރިބާކޮށްލުމަށްޓަކައި، ކޮފީ ކައްކައި ހިހޫކުރުމަށްފަހު ތެތް އިސްތަށިގަނޑުގައި އުނގުޅާށެވެ. އެއަށްފަހު 20 މިނެޓު ވަންދެން ބެހެއްޓުމަށްފަހު ރަނގަޅަށް ދޮވެލުމުން، އިސްތަށިގަނޑަށް އާދަޔާޚިލާފު އޮމާންކަމާއި އުޖާލާކަމެއް ލިބިގެންދާނެއެވެ.



ކިޔުންތެރިންގެ ހިޔާލު