އިންޑިއާގެ ކޯސްޓްގާޑުން އަރަބި ކަނޑުގެ ތެރެއިން ތެޔޮ ހިފައިގެން ދަތުރުކުރި ތިން ޓޭންކަރެއް އަތުލައިގަނެ، ބައިނަލްއަގުވާމީ ފެންވަރުގައި ހިންގަމުންދިޔަ ބޮޑު ތެޔޮ ވަގަށް ބޭރުކުރުމުގެ ނެޓްވޯކެއް އަތުލައިގަނެފިއެވެ.

މުމްބާއީގެ ހުޅަނގުން ގާތްގަނޑަކަށް 100 ނޯޓިކަލް މޭލު ބޭރުން މި އުޅަނދުތައް އަތުލައިގަތީ އިންޑިއާގެ ކޯސްޓްގާޑުން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައެވެ. މި އުޅަނދުތަކަކީ އީރާނާ ގުޅުންހުރި އުޅަނދުތަކެއް ކަމަށް ބައެއް މަސްދަރުތަކުން ބުނާއިރު، މި އުޅަނދުތަކުން ދިޔައީ ކަނޑުމަތިން ތެޔޮ ބަދަލުކޮށް، ގައުމުތަކަށް ދައްކަންޖެހޭ ޓެކްސްއަށް މަކަރު ހަދަމުންނެވެ.

އިންޑިއާގެ ކޯސްޓްގާޑުން ބުނި ގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޒަމާނީ ޓެކްނޮލޮޖީ އާއި ޑޭޓާ އެނަލައިސިސް ބޭނުންކޮށްގެން، މި އުޅަނދުތަކުގެ ހަރަކާތްތައް ދުރާލައި މޮނިޓަރު ކުރުމަށްފަހުއެވެ. އަތުލައިގަނެވުނު އުޅަނދުތަކުގެ ތެރޭގައި 'ސްޓެލާ ރޫބީ' ނަމަކަށް ކިޔާ އުޅަނދެއް ހިމެނޭއިރު، އެއީ އީރާނުގެ ދިދަ ޖަހާފައިވާ އުޅަނދެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

މީގެ އިތުރުން 'އަލް ޖަފްޒިއާ' އަދި 'އެސްފާލްޓް ސްޓާ' ނަމަކަށް ކިޔާ ދެ އުޅަނދުވެސް ވަނީ ހިފަހައްޓާފައެވެ. މި އުޅަނދުތަކަކީ އެމެރިކާގެ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާފައިވާ އުޅަނދުތަކެއް ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި އުޅަނދުތައް މިހާރު ވަނީ އިތުރު ތަހުގީގަށްޓަކައި މުމްބާއީގެ ބަނދަރަށް ގެންގޮސްފައެވެ.

އިންޑިއާގެ ކޯސްޓްގާޑުން ހާމަކުރި ގޮތުގައި މި ނެޓްވޯކަކީ ދުނިޔޭގެ އެކި ހިސާބުތަކަށް ނުފޫޒު ފޯރުވާފައިވާ ބޮޑު ނެޓްވޯކެކެވެ. މި އޮޕަރޭޝަނަކީ ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިންޑިއާއިން ކުރަމުންދާ މަސައްކަތުގެ ތެރެއިން ލިބުނު ބޮޑު ކާމިޔާބީއެއްގެ ގޮތުގައި އެ ގައުމުން ސިފަކުރެއެވެ. އީރާނުގެ މީޑިއާތަކުންވެސް ވަނީ މި އުޅަނދުތައް އަތުލައިގަތްކަން ކަށަވަރުކޮށްދީފައެވެ.



ކިޔުންތެރިންގެ ހިޔާލު