ސިނަމާލެ ބްރިޖުމަތީގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި އަނިޔާވި 4 މީހުންގެ ތެރެއިން 2 މީހުންނަށް އަދިވެސް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.

ފުލުހުން ބުނީ، ރޭ ދަންވަރު 12:45 ހާއިރު މިއެކްސިޑެންޓް ހިނގާފައި ވަނީ މާލެއިން ހުޅުމާލެއަށް ދަތުރުކުރާ ހައިވޭގައި ކާރު ލޭނުގައި މަޑުކޮށްގެން އޮތް ކާރެއްގައި، ފަހަތުން އައި ކާރެއް ޖެހިގެން ކަމަށެވެ.

އެގޮތުން އެވަގުތު ކާރު ކޮންޓްރޯލުން ނެއްޓި ސައިކަލު ލޭނަށް އަރައި، ދަތުރުކުރަމުންދިޔަ އިތުރު ހަތަރު ސައިކަލުގައިވެސް ޖެހިފައިވާކަމަށް ފުލުހުން މަޢުލޫމާތު ދީފައިވެއެވެ.

ފުލުހުން ބުނީ، މި ހާދިސާގައި ހަތަރު ދިވެހި ފިރިހެނުންނަށް އަނިޔާވި ނަމަވެސް މިހާރު ހޮސްޕިޓަލުގައި ފަރުވާ ދެމުންދަނީ ދެމީހުނަށް ކަމަށެވެ. މި އެކްސިޑެންޓުގައި ހިމެނޭ އުޅަނދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، ބައެއް ކާރުތައް އޮތީ ބޭނުން ނުކުރެވޭ ވަރަށް ފުނޑުފުނޑުވެފައެވެ.

ފުލުހުން މިހާރު ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު