2025 ވަނަ އަހަރުގެ ކޮރަޕްޝަން ޕާސެޕްޝަން އިންޑެކްސް (ސީ.ޕީ.އައި) ގައި، ކޮރަޕްޝަން ހުއްޓުވުމުގައި ދިވެހިރާއްޖެއަށް 100 އަކުން އެންމެ 39 ޕޮއިންޓް ލިބިއްޖެއެވެ.

ޓްރާންސްޕޭރެންސީ އިންޓަނޭޝަނަލުން އާންމުކުރި މި ނަތީޖާއާއެކު، ދުނިޔޭގެ 182 ގައުމުގެ ތެރެއިން ރާއްޖެ ހިމެނެނީ 91 ވަނަ ދަރަޖައިގައެވެ. ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ދައުރުގައި، 2020 ވަނަ އަހަރު ރާއްޖެއިން ވަނީ 43 ޕޮއިންޓް ހޯދައި، ދުނިޔޭގެ ރޭންކިންގެ 75 ވަނައަށް ޖެހިލާފައެވެ. ނަމަވެސް، އެ ކުރިއެރުން ދެމެހެއްޓޭ ގޮތް ނުވެ، އަނެއްކާވެސް ރާއްޖެ މިވަނީ 39 ޕޮއިންޓަށް ދަށަށް ގޮސްފައެވެ.

މިކަމާ ގުޅިގެން ޓްރާންސްޕޭރެންސީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، މިހާރުގެ ސަރުކާރު ވެރިކަމާ ހަވާލުވި ފަހުން ވެސް ކޮރަޕްޝަންގެ ހާލަތު ބަދަލުކުރުމަށް އެދެވޭ މަސައްކަތްތަކެއް ކުރެވިފައި ނުވާކަމަށެވެ. އަދި ގެނެވުނު އިސްލާހުތަކަކީ ހަމައެކަނި ނަމަކަށް ގެނެވުނު ބަދަލުތަކެއް ކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި މި ނަތީޖާއިން ދައްކައިދެނީ ދައުލަތް ހިންގުމުގެ ނިޒާމުގައި ހުރި ބޮޑެތި ބަލިކަށިކަން ކަމަށް ޓްރާންސްޕޭރެންސީން ވަނީ ބުނެފައެވެ.

އޭގެ ތެރޭގައި މުއައްސަސާތައް މޮނިޓަރކުރުން ބަލިކަށިވުމާއި، މަތީ ފަންތީގެ ކޮރަޕްޝަންގެ މައްސަލަތައް ބެލުމުގައި ޝަރުއީ ނިޒާމު ލަސްވުމާއި، އަދި މުއައްސަސާތަކުގެ އިސްލާހުތަކުން އެދެވޭ ނަތީޖާއެއް ނުފެނުން ހިމެނެއެވެ. އަދި މިސަރުކާރަށް ދެ އަހަރަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، ކޮރަޕްޝަނާ ދެކޮޅަށް އެޅި ފިޔަވަޅުތަކުން އެދެވޭ ނަތީޖާއެއް ނުފެނުމުގެ ސަބަބުން، ދައުލަތް ޖަވާބުދާރީ ކުރުވުމާމެދު ރައްޔިތުންގެ މެދުގައި އޮތް އިތުބާރު ވަނީ ތާރީޚީ މިންވަރަކަށް ދަށަށް ގޮސްފައި ކަަމަށް ޓްރާންސްޕޭރެންސީން ނެރެފައިވާ ބަޔާނުގައިވެއެވެ.

ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފައިވަނީ، ސީޕީއައިގެ މި ނަތީޖާއާއެކު ރާއްޖޭގެ ކޮރަޕްޝަންގެ ހާލަތު ދެނެގަތުމަށް، ދާދިފަހުން ހިންގުމުގެ ނިޒާމަށާއި ގާނޫނުތަކަށް އަދި މުއައްސަސާތަކުގެ ހިންގުމަށް އައިސްފައިވާ ބަދަލުތަކަށް ރިއާޔަތްކުރުން މުހިންމު ކަމަށެވެ. އެގޮތުން ކަންބޮޑުވާ މުހިންމު ދާއިރާތަކެއް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.

އޭގެ ތެރޭގައި ހިމެނެނީ، ބާރުތައް އެއްކުރުމާއި "ސްޓޭޓް ކެޕްޗާ" ގެ ނުރައްކާ އޮތުމާއި، މަދަނީ މާހައުލު ހަނިވުމާއި ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރި ނުރައްކާތަކާއި، ތިމާވެށި އަދި އިގްތިސާދީ ކަންކަން ބަލަހައްޓާ ނިޒާމުގެ ބަލިކަށިކަމާއި، ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމާއި، ޒިންމާދާރުކުރުވުމުގެ އިތުރުން، ކުށްކޮށްފައި އަދަބު ނުލިބި ސަލާމަތްވުމުގެ ސަގާފަތެއް އޮތުން ހިމެނެއެވެ.

އޭގެއިތުރުން ޓްރާންސްޕޭރެންސީން ބުނީ، 2025 ވަނަ އަހަރުގެ ރާއްޖޭގެ ސީޕީއައި ނަތީޖާ ބިނާވެފައިވަނީ ބައިނަލްއަގްވާމީ ތިން މަސްދަރަކުން ލިބުނު މައުލޫމާތުގެ މައްޗަށް ކަމަށެވެ. އެއީ ގްލޯބަލް އިންސައިޓް ކަންޓްރީ ރިސްކު ރޭޓިންގްސް، ވެރައިޓީޒް އޮފް ޑިމޮކްރަސީ ޕްރޮޖެކްޓްސް އަދި ވޯލްޑް ބޭންކު ކަންޓްރީ ޕޮލިސީ އެންޑް އިންސްޓިޓިއުޝަނަލް އެސެސްމަންޓެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް