ދައުލަތުގެ ރިޒާވުގެ ހިސާބުތަކާ ގުޅޭގޮތުން ދައްކަމުންދާ ވާހަކަތަކަށް ކުރީގެ މަޖިލިސް މެންބަރު އަދި ސިޔާސީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ނަފާ ނަސީމް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ނަފާ ނަސީމް ވިދާޅުވީ، ގުރޮސް ރިޒާވާއި ބޭނުންކުރެވިދާނެ އަސްލު ރިޒާވް (ޔޫސަބަލް ރިޒާވް) އާ ދެމެދު ހުރި ބޮޑު ތަފާތު އޮޅުވާލުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކަން ސިފަކުރައްވަމުން އޭނާ ވިދާޅުވީ، ކަނޑުގައި ހުރި މަސްތަކަކީ މިފްކޯގެ ގުދަނުގައި ހުރި މަސްތަކެއް ކަމަށް ބުނެ ދައުވާ ކުރުމަކީ ރައްޔިތުންނަށް އޮޅުވާލުމަށް ކުރާ ކަމެއް ކަމަށެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވަމުން އޭނާ އިތުރަށް ވިދާޅުވީ، މިއީ ރާއްޖެ ކަމަށްވުމުން ކޮންމެ ފަދަ ކަމެއްވެސް ހިނގައިދާނެ ކަމަށާއި، ރިޒާވްގެ ހަގީގީ މައުލޫމާތު ސާފުކޮށްދިނުމަކީ މުހިންމު ކަމެއް ކަމަށެވެ. ސަރުކާރުން ގުރޮސް ރިޒާވްގެ އަދަދުތައް މަތިކޮށް ދެއްކި ނަމަވެސް، ހަގީގަތުގައި ގައުމުގެ ޒަރޫރީ ބޭނުންތަކަށް ބޭނުންކުރަން ހުރި ފައިސާ ނުވަތަ ޔޫސަބަލް ރިޒާވް އޮތް ހާލަތާމެދު އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

މި މައްސަލައަކީ ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަސްރަހުގައި އިގްތިސާދީ މާހިރުންނާއި ސިޔާސީ ބޭފުޅުންގެ މެދުގައި ބޮޑު ބަހުސަކަށް ވެފައިވާ މައުލޫއެކެވެ. ރާއްޖޭގެ ރިޒާވް ރެކޯޑް މިންވަރަކަށް މަތިވެފައިވާ ކަމަށް ސަރުކާރުން ބުނަމުންދާއިރު، އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރަނީ އެއީ ދަރަންޏަށް ނަގާފައިވާ ފައިސާ އާއި ބޭންކުތަކުގެ ޑިޕޮސިޓްތައް ހިމެނޭ "ގުރޮސް" އަދަދެއް ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް