ދައުލަތުން ނަގާފައިވާ ސުކޫކު ރީފައިނޭންސް ކުރުމަށް 14 އިންސައްތަ އިންޓްރެސްޓު ދައްކަން ޖެހޭނަމަ، އެކަން ދެފުށް ފެންނަ ގޮތަކަށް ހާމަކުރަން ޖެހޭ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، ސުކޫކު ރީފައިނޭންސް ކުރުމަށް ހިނގާ ހަގީގީ ޚަރަދަކީ 14 އިންސައްތަ ކަމުގައިވާނަމަ، އެ މަޢުލޫމާތު ސާފުކޮށް ރައްޔިތުންނަށް އެނގެން ޖެހެއެވެ.

ސަރުކާރު ހިއްސާވާ ކުންފުންޏެއް މެދުވެރިކޮށް ދަރަނި ނެގުމުގެ ސަބަބުން ދައުލަތަށް އޮތް މާލީ ބުރަ ކުޑަނުވާނެ ކަމަށް އަމީރު ފާހަގަކުރެއްވިއެވެ. އޭގެ ބަދަލުގައި، އެފަދަ ކަންކަމުގެ ސަބަބުން ދަރަނީގެ އަސްލު އޮޅި، ރާއްޖޭގެ މާލީ ނިޒާމު ބަލިކަށިވުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދައުލަތުގެ ދަރަނި އަލުން ތަރުތީބުކުރުމުގެ މަސައްކަތްތައް ކުރިއަށްދާއިރު، އޭގެ އޮނިގަނޑާއި، ހަގީގީ އިންޓަރެސްޓް ރޭޓާއި، ދަރަނި އަދާކުރަންޖެހޭ މުއްދަތުތަކުގެ ތަފްސީލު ހާމަކުރުމަކީ މުހިންމު ކަމެއް ކަމަށް އަމީރު ވިދާޅުވިއެވެ. މީގެ އިތުރުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައިވެރިވުމުގެ ސަބަބުން ދައުލަތަށް ކުރިމަތިވެދާނެ މާލީ އިލްތިޒާމްތަކާ ގުޅޭ ފުރިހަމަ މަޢުލޫމާތު ޢާންމުންނާއި އިންވެސްޓަރުންނަށް ލިބިދޭންޖެހޭ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

"ދައުލަތުގެ ދަރަނި ރީފައިނޭންސް ކުރުމުގައި ދެފުށް ފެންނަ އުސޫލަކުން ކަންކަން ހާމަކުރުމަކީ ހަމައެކަނި އިޚްތިޔާރީ ކަމެއް ނޫން. އެއީ މާލީ ނިޒާމަށް އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި މަޖުބޫރު ކަމެއް،" އަމީރުގެ ޕޯސްޓުގައި ފާހަގަކޮށްފައި ވެއެވެ.

އަމީރު މިފަދަ ކަންބޮޑުވުންތަކެއް ފާޅުކުރައްވާފައި މިވަނީ، އަންނަ އޭޕްރީލް މަހު ދައްކަންޖެހޭ 500 މިލިއަން ޑޮލަރުގެ ސުކޫކު ރީފައިނޭންސް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ރޭ ވިދާޅުވެފައިވަނީ، ކުރީގެ ސަރުކާރުތަކާ ހިލާފަށް މި ސަރުކާރުން ސުކޫކު ރީފައިނޭންސް ކުރަނީ ކުޑަ އިންޓަރެސްޓެއްގައި، އާމްދަނީއަށް ބަލައިގެން، އެ އަނބުރާ ދެއްކޭނެ ގޮތްތައް ރާވައިގެން ކަމުގައެވެ.



ކިޔުންތެރިންގެ ހިޔާލު