އީރާނުގެ އިންގިލާބީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަރަކާތްތަކުގެ ތެރެއިން، "ބާލް" ބާތިލް އިލާހުގެ ސިފަޔަށް ހަދާފައިވާ ބޮޑެތި ބުދުތަކެއް އަންދާލި މައްސަލަ ބައިނަލްއަގުވާމީ ސަމާލުކަމަށް އަތުވެއްޖެއެވެ.

1979 ވަނަ އަހަރުގެ އިސްލާމީ އިންގިލާބަށް 47 އަހަރު ފުރުން ފާހަގަކުރުމަށް އީރާނުގެ އެކި ސިޓީތަކުގައި ސަރުކާރުން އިންތިޒާމުކޮށްގެން ބޭއްވި އެއްވުންތަކުގައި، ގެރިއެއްގެ ބޯލާފައިވާ މި ބުދުތައް އަންދާލީ ހުޅަނގުގެ ގައުމުތަކާއި ޒަޔަނިސްޓުންގެ ނުފޫޒާ ދެކޮޅު ހެދުމުގެ ރަމްޒެއްގެ ގޮތުންނެވެ.

އީރާނުގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، މި ބުދުތައް އަންދާލުމަކީ ދާދިފަހުން އެމެރިކާގެ މަހުޖަނު ޖެފްރީ އެޕްސްޓީންއާ ގުޅޭގޮތުން އާންމުވި ލިޔެކިޔުންތަކާއި، ހުޅަނގުގެ ނުފޫޒުގަދަ ފަރާތްތަކުން ކުޑަކުދިންނަށް ކުރާ ގަދަކަމާއި އިހާނެތި އަމަލުތަކާ ދެކޮޅަށް ފާޅުކުރި ނުރުހުމެކެވެ. އީރާނުގެ ބައެއް ހަރުކަށި ޖަމާއަތްތަކުން ގަބޫލުކުރާ ގޮތުގައި، އެޕްސްޓީން ފަދަ ފަރާތްތަކުން ކުރާ ނުބައި އަމަލުތަކަކީ "ބާލް" ފަދަ އިހުޒަމާނުގެ ކަލާނގެތަކަށް އަޅުކަންކުރުމުގެ ތެރެއިން ހިންގާ ކަންކަމެވެ. މީގެ އިތުރުން ބައެއް ބުދުތަކުގައި "666" ޖަހާފައިވާއިރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ނިސްބަތްވާ ފަދަ އިޝާރާތްތައް ވެސް ހިމަނާފައިވެއެވެ.

މި ހަރަކާތްތަކުގައި ބައިވެރިވި މީހުން "އެމެރިކާ ހަލާކުވެދާށި" އަދި "އިސްރާއީލު ހަލާކުވެދާށި" ފަދަ ޝިއާރުތައް ގޮވާފައިވެއެވެ. އީރާނުގެ އޮފިޝަލުން މިކަން ސިފަކުރީ ހުޅަނގުގެ އަހުލާގީ ފާސިދުކަމާ ދެކޮޅަށް ދިން ވަރުގަދަ މެސެޖެއްގެ ގޮތުގައެވެ.

ނަމަވެސް، މިފަދަ ބުދުތައް އަންދާލުމުގެ ސަބަބުން ދީނީ ގޮތުން ނުބައި މާނައެއް ނިކުމެދާނެތީ އީރާނުގެ ބައެއް ދީނީ އިލްމުވެރިންނާއި އާންމުންގެ މެދުގައި ވަނީ ބަހުސްތަކެއް އުފެދިފައެވެ.

މި އިންގިލާބީ ދުވަސް ފާހަގަކުރަމުންދާއިރު، އީރާނުގެ ސަރުކާރަށް ވަނީ ދާހިލީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ.

ވަކިވަކި ސިޓީތަކުގައި ސަރުކާރާ ދެކޮޅަށް އަޑުއުފުލުންތައް ކުރިއަށްދާއިރު، އީރާނުގެ ލީޑަޝިޕުން ދަނީ ބޭރު ދުނިޔެއަށް އެމީހުންގެ ވަރުގަދަކަން ދެއްކުމަށް މަސައްކަތް ކުރަމުންނެވެ. ހަމައެއާއެކު، އެމެރިކާއާއެކު މަޝްވަރާކުރުމުގެ ދޮރު ހުޅުވިފައިވާ ކަމުގެ އިޝާރާތްތަކެއް ވެސް އީރާނުގެ ބައެއް އިސްވެރިން ވަނީ ދެއްވާފައެވެ.

އިންގިލާބީ ދުވަހުގެ މި ހަރަކާތްތަކަކީ އެ ގައުމުގެ ދާހިލީ ސިޔާސީ މަސްރަހާއި ބައިނަލްއަގުވާމީ ގުޅުންތަކުގެ މެދުގައި އޮތް ނުތަނަވަސްކަން ހާމަވެގެންދިޔަ ކަމެކެވެ.



ކިޔުންތެރިންގެ ހިޔާލު