ދިވެހިރާއްޖޭގައި މިހާރު އޮތް ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށާއި، ވާދަވެރި ސިޔާސީ ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަމުންދިޔައީ އެ ނިޒާމު ފުނޑާލުމަށް ކަމަށް ފުވައްމުލަކު ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ވިދާޅުވެއްޖެއެވެ.

މޭޔަރު ރަފީގު މިހެން ވިދާޅުވީ ކުރިއަށް އޮތް އިންތިޚާބާ ގުޅިގެން "ހޭވައްލާ ތައްޔާރު" ކެމްޕޭން ލޯންޗުކުރުމަށް އެމްޑީޕީން ބޭއްވި ބޮޑު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

އިސްމާއީލް ރަފީގު ވިދާޅުވި ގޮތުގައި އެމްޑީޕީގެ ސަރުކާރުތަކުން ވަނީ ކައުންސިލްތައް ބާރުވެރިކުރުވުމަށް މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅާފައެވެ. އެގޮތުން ކައުންސިލްތަކަށް ސީދާ ބްލޮކް ގްރާންޓް ދިނުމާއި، ރަށުގެ ބިމުގެ އިޚްތިޞާޞްގެ ބާރު ކައުންސިލްތަކަށް ދޫކޮށްލުމާއި، ވެހިކަލް ފީ ފަދަ އާމްދަނީތައް ސީދާ ކައުންސިލަށް ލިބޭނެ ގޮތް ހަމަޖެއްސުން އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކައުންސިލްތަކަށް އަމިއްލަ ވިޔަފާރި ކުންފުނި އުފެއްދުމުގެ ފުރުސަތު ދިނުމާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް (ޑަބްލިއުޑީސީ) ކައުންސިލް ބަޖެޓުގެ ފަސް އިންސައްތަ ޚާއްޞަކުރުމަކީ އެމްޑީޕީން ލާމަރުކަޒީ ނިޒާމަށް ގެނައި ބޮޑެތި ކުރިއެރުންތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

ނަމަވެސް މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވަމުން މޭޔަރު ވިދާޅުވީ، މި ސަރުކާރުން ކައުންސިލްތަކުގެ މުހިންމުކަން ކުޑަކޮށް، އަތޮޅު ކައުންސިލްތައް އުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހުރިހާ ބާރުތަކެއް އަލުން މަރުކަޒީ ސަރުކާރުގެ ދަށަށް ގެންދަން މަސައްކަތް ކުރަމުންދާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.

އިސްމާއީލް ރަފީގު އިތުރަށް ވިދާޅުވީ، މާލޭގައި ހުންނަ އޮފީހަކުން އަތޮޅުތަކުގެ ކަންކަން ނިންމާ އުސޫލަށް "ނޫނެކޭ" ބުނަން ބޭނުންވާ ނަމަ، ކުރިއަށް އޮތް އިންތިޚާބުތަކުގައި އެމްޑީޕީއަށް ވޯޓު ދިނުމަކީ ކައުންސިލްތަކުގެ ބާރުވެރިކަން ދެމެހެއްޓުމަށް އޮތް ހަމައެކަނި މަގު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު