އިންޑިއާއިން އައު ސުނާމީ މޮނިޓަރިންގ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް ފަށައިފިއެވެ.

މި ނިޒާމު ގާއިމުކުރަނީ އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސްގެ ހެވެލޮކް އައިލެންޑް ނުވަތަ ސްވަރާޖް ދްވީޕްގައެވެ. ގާތްގަނޑަކަށް 300 ކްރޯޑް ރުޕީސް ހޭދަކޮށްގެން ގާއިމުކުރާ މި ރީޖަނަލް ސާވިސް ސެންޓަރު (އާރު.އެސް.ސީ) ބަލަހައްޓާނީ އިންޑިއަން ނޭޝަނަލް ސެންޓަރ ފޯ އޯޝަން އިންފޮމޭޝަން ސާވިސަސް އިންނެވެ.

މި އައު ނިޒާމުގެ އެންމެ ހާއްސަ އެއް ކަމަކީ، ހަމައެކަނި ބިންހެލުންތަކުގެ ސަބަބުން އުފެދޭ ސުނާމީތަކުގެ އިތުރުން، ކަނޑުއަޑީގެ ބިންގަނޑު ކަނޑައިގެން ދިއުމާއި، އަލިފާން ފަރުބަދަ ގޮވުން ފަދަ ކަންކަމުގެ ސަބަބުން އުފެދޭ ސުނާމީތައްވެސް ދެނެގަނެވޭނެ ފަންނީ ގާބިލުކަން ލިބިފައިވުމެވެ.

މީގެ އިތުރުން، ޓެކްޓޯނިކް ޕްލޭޓްތައް ބެދޭ ސަރަހައްދުތަކުގައި 270 ކިލޯމީޓަރުގެ ކަނޑުއަޑީގެ ކޭބަލެއް އަޅައި، ރިއަލް-ޓައިމްކޮށް މަޢުލޫމާތު ފޯރުކޮށްދޭނެއެވެ. މި ނިޒާމުގެ ސަބަބުން ކަނޑުއަޑީގެ އަޑުގެ ރާޅުތައް ބޭނުންކޮށްގެން، ބިންހެލުމުގެ ރާޅުތަކަށްވުރެ އަވަހަށް ނުރައްކަލުގެ އިންޒާރު ދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

މި މަޝްރޫޢުގެ ސަބަބުން އަންޑަމަން އަދި ނިކޮބާ ރަށްތަކަށް ކުރިމަތިވެދާނެ ސުނާމީގެ ނުރައްކަލުން ރައްކާތެރިވުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. ހަމައެއާއެކު، މި މަރުކަޒުން އިންޑިއާ ކަނޑުގެ އަވަށްޓެރި ގައުމުތަކަށް، ހާއްސަކޮށް ސްރީލަންކާ ފަދަ ގައުމުތަކަށް ސުނާމީގެ އިންޒާރު ފޯރުކޮށްދިނުމުގެ ޚިދުމަތްވެސް ދޭނެއެވެ.

މިއީ 2004 ވަނަ އަހަރުގެ ސުނާމީއަށްފަހު އިންޑިއާއިން މި ދާއިރާގައި ހޯދި ބޮޑު ކުރިއެރުމެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.



ކިޔުންތެރިންގެ ހިޔާލު