ދިވެހި ތާރީޚުގައިވެސް ރައްޔިތުން ބަޔަކަށް ނުދޭ މިންވަރުގެ ބޮޑު މެޖޯރިޓީއެއް ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރައްޔިތުންގެ މަޖިލީހުން ދީފައިވާ ކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓީވީގައި ވާހަކަދައްކަވަމުން ކުރީގެ ޑިފެންސް މިނިސްޓަރު އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވީ، އެ ފުރުސަތުގެ ބޭނުން ހިއްޕަވައިގެން ރައީސް މަސައްކަތް ކުރައްވަނީ ރައްޔިތުންގެ ދޫ ބަންދުކޮށް، މަޖިލިސް "ފުއްގަނޑެއް" ހެން ބޭނުން ގޮތަކަށް މޮޑެލުމަށް ކަމަށެވެ.

މާރިޔާ އިތުރަށް ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ ރައްޔިތުންގެ ބާރުތައް ކަނޑުވާލައި، އަމިއްލަ މޮޑެލްއަކަށް ގައުމު ހިންގުމަށް ކަމަށެވެ. އަދި މިހާ ބޮޑު ބާރެއް ލިބިފައިވާއިރުވެސް، ރައީސްގެ ބަސްމަގު ހުރިގޮތުން ހީވަނީ "އުމުރަށް މިތާ ބަހައްޓާށޭ" ވިދާޅުވާހެން ކަމަށާއި، މިފަދަ ހާލަތެއްގައި ރައްޔިތުން ހަނު ތިބެންވީތޯ އޭނާ ވަނީ ސުވާލު އުފައްދަވާފައެވެ.

މީގެ އިތުރުން، ވެރިކަން ކުރާ ޕާޓީއަށް މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އޮތް ނަމަވެސް، އެ ބާރުގެ ބޭނުން ކުރަމުންދަނީ ޑިމޮކްރެޓިކް ހަމަތަކާ ޚިލާފަށް ކަމަށް މާރިޔާ ފާހަގަކުރެއްވިއެވެ. ރައްޔިތުންގެ އަޑު އިއްވުމުގެ ފުރުސަތު ހަނިކޮށް، ހުރިހާ ބާރުތަކެއް ރައީސްގެ މުށުތެރެއަށް ޖަމާކުރަން އުޅޭކަމަށް ވިދާޅުވެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު