އިނގިރޭސި ޕްރިމިއާ ލީގާއި، އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭ) އަދި އީއެފްއޭލް އިން ގުޅިގެން، ރަމަޟާން މަހުގެ ރޭގަނޑު ކުޅޭ މެޗުތައް މެދުކަނޑާލުމަށް ރެފްރީންނަށް އަންގައިފިއެވެ.

މި ނިންމުމަކީ މުސްލިމް ކުޅުންތެރިން ރޯދަ ވީއްލުމަށް ފުރުސަތު ދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެކެވެ. މިގޮތުން، އިރުއޮއްސޭ ވަގުތާ ދިމާވާ މެޗުތަކުގެ ކުޅުން ކުރިއަށްދާއިރު، ކުޅުން މެދުކެނޑޭ ވަގުތުތަކުގައި މުސްލިމް ކުޅުންތެރިންނަށް ފެން ބުއިމާއި ހަކަތަ ލިއްބައިދޭ ޖެލް ފަދަ ތަކެތި ބޭނުންކުރުމުގެ ފުރުސަތު ދިނުމަށް ވަނީ އިރުޝާދު ދީފައެވެ.

މި އުސޫލަކީ އިނގިރޭސި ފުޓްބޯޅައިގައި 2021 ވަނަ އަހަރުން ފެށިގެން އަމަލުކުރަން ފެށި އުސޫލެކެވެ. މިކަމުގެ މައިގަނޑު މަގްސަދަކީ މެޗު ކުރިއަށްދާ ވަގުތު އިރުއޮއްސިއްޖެ ނަމަ، ކުޅުންތެރިންގެ ސިއްހަތަށް ބަލައި، އެ ކުޅުންތެރިންނަށް ރޯދަ ވީއްލުމުގެ ލުއިފަސޭހަކަން ފޯރުކޮށްދިނުމެވެ.

މީގެ އިތުރުން، މެޗު ފެށުމުގެ ކުރިން ރޯދަ ހިފާފައި ތިބި ކުޅުންތެރިން ދެނެގަތުމަށާއި، ކުޅުން މެދުކަނޑާލާނެ އެންމެ އެކަށީގެންވާ ވަގުތެއް ކަނޑައެޅުމަށް ކްލަބުތަކާއި ރެފްރީން މަޝްވަރާކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ނިންމުމަކީ އިނގިރޭސި ފުޓްބޯޅައިގައި ތަފާތު ދީންތަކަށް އިހުތިރާމްކުރުމާއި، ކުޅުންތެރިންގެ ދީނީ އުސޫލުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން އެޅިފައިވާ މުހިންމު ފިޔަވަޅެކެވެ. ޕްރިމިއާ ލީގުގައި ކުޅޭ މަޝްހޫރު ގިނަ މުސްލިމް ކުޅުންތެރިންނަށް މިކަމުގެ ސަބަބުން ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.



ކިޔުންތެރިންގެ ހިޔާލު



ފަހުގެ ލިޔުންތައް