ދިވެހިންގެ މެދުގައި މަގުބޫލު ދީނީ އިލްމުވެރިޔާ، އައްޝައިޚް އިބްރާހިމް ފަރީދު (ރަހިމަހުﷲ) ގެ ހަނދާނުގައި ބަންގްލަދޭޝްގައި ބިނާކުރި މިސްކިތް މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.

ބަންގްލަދޭޝްގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތް ހުޅުއްވައިދެއްވީ ޝެއިޚް ފަރީދުގެ ދެ ދަރިކަލުން ކަމުގައިވާ އަބްދުﷲ ފަރީދު އަދި އަބްދުއްރަހުމާން ފަރީދެވެ. މި ރަސްމިއްޔާތުގައި "ޚިދުމަތް ޖަމިއްޔާ" އާއި އެ ޖަމިއްޔާގެ ބަންގްލަދޭޝް ޕާޓްނަރު "އަލް-މަނާހިލް ފައުންޑޭޝަން" ގެ އިސް ބޭފުޅުންގެ އިތުރުން އެ ސަރަހައްދުގެ ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.



މި މިސްކިތަކީ ޝެއިޚް ފަރީދު ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ހަނދާނުގައި ދެމިގެންދާނެ ފަދަ ސަދަގާތެއް (ޞަދަޤާތުލް ޖާރިޔާ) ކުރުމުގެ މަގްސަދުގައި ޚިދުމަތް ޖަމިއްޔާއިން ފެށި މަޝްރޫއެކެވެ. މި މަޝްރޫއަށް ބޭނުންވާ ފައިސާ ހޯދުމަށް ހުޅުވާލި ފަންޑަށް ދިވެހި ރައްޔިތުންގެ ފަރާތުން ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފައެވެ. އެގޮތުން، މިސްކިތް ބިނާކުރުމަށް ބޭނުންވާ ފައިސާ ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ދިވެހި ދީލަތި ރައްޔިތުން ވަނީ ހަދިޔާކޮށްފައެވެ.



.

ޚިދުމަތް ޖަމިއްޔާއިން މައުލޫމާތު ދޭ ގޮތުގައި، ބަންގްލަދޭޝްގައި މިއަދު ހުޅުވި މި މިސްކިތަކީ އެއްފަހަރާ 300 އަށްވުރެ ގިނަ މީހުންނަށް ނަމާދު ކުރެވޭނެ ޖާގައިގެ މިސްކިތެކެވެ. މިއީ ޝެއިޚްގެ ހަނދާނުގައި ކުރެވޭ މިފަދަ މަސައްކަތްތަކުގެ ފެށުމެއް ކަމަށް އެ ޖަމިއްޔާއިން ސިފަކުރެއެވެ. މީގެ އިތުރުން، ރައްޔިތުންގެ އެދުމުގެ މަތިން ޝެއިޚް ފަރީދުގެ ނަމުގައި ހުޅުމާލެ ފޭސް 3 ގައި 2,500 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެއް ބިނާކުރުމަށްވެސް މިހާރު ވަނީ ނިންމާފައެވެ.

ޝެއިޚް އިބްރާހިމް ފަރީދަކީ ދިވެހިރާއްޖޭގައި ދީނީ ހޭލުންތެރިކަން އިތުރުކުރުމަށާއި، ދީނީ ދައުވަތު ފެތުރުމުގައި ނުހަނު އިޚްލާޞްތެރި މަސައްކަތްތަކެއް ކުރެއްވި ބޭފުޅެކެވެ. މިދިޔަ އަހަރުގެ ޖޫން މަހު އެމަނިކުފާނު އަވަހާރަވުމަކީ މުޅި ރާއްޖެއަށް ލިބުނު ފުން ހިތާމައެކެވެ. ބަންގްލަދޭޝްގައި މި ބިނާކުރެވުނު މިސްކިތަކީ އެމަނިކުފާނު ކުރެއްވި އަގުހުރި ޚިދުމަތްތަކުގެ ޒިކުރާ އާކޮށްދޭނެ މުހިންމު ބިނާއެކެވެ.



ކިޔުންތެރިންގެ ހިޔާލު