ޤަޠަރުގައި އޮންނަ އެމެރިކާގެ އެންމެ ބޮޑު އެއަރ ބޭސް ކަމަށްވާ އަލް އުދައިދު އެއަރ ބޭހާއި، ބަޙްރައިންގައި ތިބި އެމެރިކާ ސިފައިންގެ ސައްތަޔަކަށްވުރެ ގިނަ މީހުން ކުއްލި ގޮތަކަށް އެ ސަރަހައްދުތަކުން ބާލަން ފަށާފައިވާ ކަމަށް ބައިނަލްއަޤްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

"ދަ ވެސްޓަން ނިއުސް" އާއި އިސްރާއީލުގެ "ވައިނެޓް ނިއުސް" އާ ހަވާލާދީ ފެތުރެމުންދާ މި ޚަބަރުތައް ބުނާގޮތުން، މި ފިޔަވަޅަކީ އީރާނާއެކު އޮތް ނުތަނަވަސްކަން އިތުރުވެ، ކުރިމަތިވެދާނެ ހަމަލާއަކުން ރައްކާތެރިވުމުގެ ގޮތުން ޕެންޓަގަންއިން އެޅި ދިފާޢީ ފިޔަވަޅެކެވެ.

މި ނިންމުމަކީ އީރާނުގެ ނިއުކްލިއަރ މައްސަލައިގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާ ދަނޑިވަޅެއްގައި ނިންމި ނިންމުމެއް ކަމަށް މަސްދަރުތަކުން ބުނެއެވެ. ޚަބަރުތައް ބުނާގޮތުން އަލް އުދައިދު ބޭހުން ބައެއް މުވައްޒަފުންނާއި ސިފައިން ބަދަލުކުރަމުންދާއިރު، ބަޙުރައިންގައި އޮންނަ އެމެރިކާގެ ފިފްތު ފްލީޓް ހިމެނޭ ސަރަހައްދުންވެސް ސިފައިން ދަނީ މަދުކުރަމުންނެވެ.

މިއީ ސަރަހައްދީ ހަނގުރާމައެއް ފެށިއްޖެނަމަ އެމެރިކާ ސިފައިންނަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ބަލައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

މިކަމާ ގުޅިގެން ޤަޠަރު ސަރުކާރުން ބުނެފައިވަނީ މިއީ މިހާރު އޮތް މަސްރަޙަށް ބަލައި އަޅާފައިވާ "ޕޯސްޗަރ ޗޭންޖް" އެއް ނުވަތަ ލަޝްކަރުތައް ބެހެއްޓުމުގެ އުސޫލަށް ގެނައި ބަދަލެއް ކަމަށެވެ. އަދި މި ސަރަހައްދުގައި ހުރި އެމެރިކާގެ އެހެން އަސްކަރީ މަރުކަޒުތަކުންވެސް ބައެއް ފައުޖުތައް ބަދަލުކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނާއިރު، މިއީ ފަހުގެ ތާރީޚެއްގައި މި ސަރަހައްދުން މިހާ ގިނަ އަދަދެއްގެ ސިފައިން ކުއްލި ގޮތަކަށް ބޭރުކުރާ ފުރަތަމަ ފަހަރެވެ.



ކިޔުންތެރިންގެ ހިޔާލު