ޑިމޮކްރެޓިކް ނިޒާމެއްގައި ރައްޔިތުން ވޯޓުދީގެން ރައީސަކާއި މަޖިލިސް މެންބަރުން އިންތިޚާބު ކުރަނީ، ދައުލަތް ހިންގުމުގެ ބާރުތައް އެފަރާތްތަކާ އިތުބާރާއެކު ހަވާލުކުރަމުންނެވެ. މި އިތުބާރު ބިނާވެފައިވަނީ ދައުލަތުގެ އެންމެ މަތީ ވެރިޔާއިން ފެށިގެން، މުއައްސަސާތަކުގެ އޮފިޝަލުންނާއި އާދައިގެ މަސައްކަތްތެރިންނަކީވެސް ތެދުވެރިކަމާއެކު ޤައުމަށް ޚިދުމަތްކުރާނެ ބައެއް ކަމަށް ބެލެވޭ ބެލުމުގެ މައްޗަށެވެ. ނަމަވެސް، ކޮރަޕްޝަންގެ ވަބާ މުޅި މުޖުތަމައުގައި ފެތުރިގެންދާއިރު، އެއީ ހަމައެކަނި ލީޑަޝިޕްގެ ފެއިލްވުމެއް ނޫނެވެ. އެއީ މުޅި ނިޒާމުގެ ނާކާމިޔާބީއެކެވެ.

ކޮރަޕްޝަނަކީ ހަމައެކަނި މަތީ ފަންތިން ފެށޭ ކަމެއް ނޫނެވެ. ގިނަ ފަހަރަށް މީގެ ބިންގާ އެޅެނީ ކުދިކުދި ނޭދެވޭ އަމަލުތަކަށް އަޅާނުލާ ދޫކޮށްލުމުގެ ސަބަބުންނެވެ. ކުޑަކުޑަ ރިޝްވަތެއް ދިނުމާއި، އަމިއްލަ ފައިދާއަށްޓަކައި ކޮށްލެވޭ ކުޑަ "ހެޔޮކަމެއް" ނުވަތަ ބާރުވެރިއަކު ކުރާ ގޯސް ކަމަކަށް ލޯމަރާލުމަކީ، ވަގުތު ފާއިތުވަމުން ދާއިރު މުޖުތަމައުގައި އާދައިގެ ކަމަކަށް ބަދަލުވެއެވެ. މިފަދަ ސުލޫކުތައް އާންމުވުމުން، ދައުލަތުގެ އެންމެ މަތީ މަގާމުތަކުގައި ތިބޭ މީހުންނަށްވެސް ބޮޑެތި ކޮރަޕްޝަންގެ އަމަލުތައް ހިންގުމަކީ އެމީހުންނަށް ލިބިގެންވާ ހައްޤެއް ކަމަށް ހީވާން ފަށައެވެ. ނަތީޖާއެއްގެ ގޮތުން މުޅި ނިޒާމު ބަދަލުވެގެން ދަނީ ގޯސް ކަންތައްތަކަށް އެހީތެރިވެ، އެކަކު އަނެކަކަށް ތާއީދުކުރާ ނެޓްވޯކަކަށެވެ.

ކޮރަޕްޝަން ދެމިއޮތުމުގެ އެންމެ ނުރައްކާތެރި ސަބަބަކީ އެކަން ބަލައިގަތުމެވެ. "މިއީ އެންމެންވެސް ކުރާ ކަމެއް" ކަމަށް ރައްޔިތުން ގަބޫލުކުރަން ފެށުމުން، ތެދުވެރިކަމަކީ އެއްވެސް މާނައެއް ނެތް އެއްޗަކަށް ވެގެންދެއެވެ. މީގެ ސަބަބުން ދައުލަތުގެ މުއައްސަސާތަކަށް އޮންނަ އިތުބާރު ގެއްލި، ލީޑަޝިޕްގެ އަގު ރައްޔިތުންގެ ކުރިމަތީގައި ވެއްޓިގެންދެއެވެ. މިއަދު ކޮރަޕްޝަނަކީ ފޮރުވިފައި އޮތް ކަމެއް ނޫނެވެ. އެއީ ދުވަހުން ދުވަހަށް ދިރިއުޅުމުގެ ބަޔަކަށް ވެއްޖެއެވެ. މިފަދަ ހާލަތަކަށް ޤައުމު ވެއްޓުމުގެ އެންމެ ބޮޑު ޒިންމާއެއް އުފުލަން ޖެހެނީ ރައްޔިތުން އެކަންކަން އިސްލާހުކުރަން ހަވާލުކޮށްފައި ހުންނަ އެންމެ އިސްވެރިޔާއެވެ.

ޤައުމެއްގެ ރައީސަކު ނުވަތަ އިސްވެރިޔަކު ކޮރަޕްޝަނުގެ އަމަލެއްގައި ބައިވެރިވެއްޖެނަމަ، އެކަމަށް ފިޔަވަޅު އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ ޤާނޫނީ ވާޖިބެކެވެ. މަޖިލިސް މެންބަރުން ތިބެންވާނީ ވަކި ލީޑަރަކު ހިމާޔަތްކުރާކަށް ނޫނެވެ. އެމީހުންގެ އަސްލު ވާޖިބަކީ ޤައުމު ހިމާޔަތްކުރުމެވެ. ކޮރަޕްޝަނާ ދެކޮޅަށް ފާޅުގައި ވާހަކަދައްކައި، ތަހުގީގު ކުރުމަށް ބާރުއަޅައި، ޤާނޫނީ ފިޔަވަޅު އެޅުމަށް މަގުފަހިކޮށްދިނުމަކީ މަޖިލީހުން ކުރަންޖެހޭ ކަމެކެވެ. މިފަދަ ކަންކަމުގައި ހިމޭނުން ތިބުމަކީ ވަކި ފަރާތަކަށް ނުޖެހުން (ނިއުޓްރެލިޓީ) އެއް ނޫނެވެ. އެއީ ކޮރަޕްޝަނުގައި ބައިވެރިވުމެވެ (ކޮމްޕްލިސިޓީ). ނަމަވެސް، ހިތާމައަކީ ރައްޔިތުންގެ ދިފާއުގައި ނިކުންނަންޖެހޭ "ޓީމުގެ ކުޅުންތެރިން"، ގޯލު ޖަހަން ކުރިއަށް ދިއުމުގެ ބަދަލުގައި، ކޮރަޕްޓް ވެރިންގެ ދިފާއުގައި ފަހަތަށް ފައިބައިގެން ތިބުމެވެ.

ސަރުކާރުގެ އިސްވެރިންނާއި މުވައްޒަފުންނަށްވެސް މިއަދު އޮތީ ސާފު އިޚްތިޔާރެކެވެ. ކޮރަޕްޓް ނިޒާމެއްގެ ތެރޭގައި ހިނގާ ކަންކަން އެނގިހުރެ މަސައްކަތް ކުރުމަކީ، އެމީހަކު އެ ނިޒާމުގެ ބަޔަކަށް ވެގެންދާ ކަމެކެވެ. އެނގިހުރެ ކޮރަޕްޝަނަށް އެހީތެރިވުމަކީ ނުވަތަ އަޅާނުލާ ދޫކޮށްލުމަކީ އެކަމުގެ ޒިންމާ ހިއްސާކުރަންޖެހޭނެ ކަމެކެވެ. ކިތަންމެ އުނދަގޫ ނަމަވެސް، ނަޒާހަތްތެރިކަމަކީ އެފަދަ ނިޒާމެއްގެ ބައިވެރިއަކަށް ނުވުމެވެ. ބޭނުންވެއްޖެ ހާލަތެއްގައި، ނުބައި ނިޒާމެއްގެ ތެރޭގައި ދެމިތިބުމަށްވުރެ މަގާމުން އިސްތިއުފާ ދިނުމަކީ ބަލިކަށިކަމެއް ނޫނެވެ. އެއީ މަތިވެރި އަޚްލާޤީ ސިފައެކެވެ.

މި ހުރިހާ ކަމެއްގައި ރައްޔިތުންގެ ދައުރު ވަރަށް ބޮޑެވެ. ޤައުމަކީ ވެރިންގެ މިލްކެއް ނޫނެވެ. އެއީ ރައްޔިތުންގެ އެއްޗެކެވެ. ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ރައްޔިތުން ހޭލުންތެރިވެ، އިންތިޚާބުތަކުގައި ރަނގަޅު ނިންމުންތައް ނިންމަންޖެހެއެވެ. ވެރިން ޖަވާބުދާރީ ކުރުވުމަށް ޑިމާންޑްކޮށް، ޒިންމާދާރުކުރުވަން ޖެހެއެވެ. ކޮރަޕްޝަނަކީ އިސްލާހު ނުކުރެވޭނެ ކަމެއް ކަމަށް ހީވިޔަސް، ބަދަލު ފެށެނީ ވަކިވަކި ފަރުދުން އެކަން ކުރިއަށް ނުގެންދަން ނިންމާ ހިސާބުންނެވެ.

ރައީސަކު ޤައުމެއް ލީޑްކުރި ނަމަވެސް، ކޮރަޕްޓް ނިޒާމެއް ދެމެހެއްޓެނީ ގިނަ ބަޔަކު އެކަމަށް އެއްބަސްވާތީއެވެ. މަޖިލީހުން ވެރިން ޖަވާބުދާރީ ކުރުވަން ޖެހެއެވެ. ދަޢުލަތުގެ ވެރިން ފަސޭހަ މަގަށްވުރެ ތެދުވެރިކަން އިޚްތިޔާރުކުރަން ޖެހެއެވެ. އާޚިރުގައި، ކޮރަޕްޝަން ދިރިހުންނަނީ ހަމައެކަނި އެކަން ކުރާ މީހުންގެ ސަބަބުންނެއް ނޫނެވެ. އެއީ އެކަން ކުރަން ހުއްދަދޭ މީހުންގެ ސަބަބުންވެސް ދެމިއޮންނަ ކަމެކެވެ. ބަދަލުގެ އަސްލު ފެށުމަކީ މީހުން އެކަމަށް ހުއްދަދިނުން ހުއްޓާލާ ވަގުތެވެ.



ކިޔުންތެރިންގެ ހިޔާލު