މިހާރު މެދުއިރުމަތީގެ މަސްރަޙު ހޫނުވެފައިވާ ދަނޑިވަޅެއްގައި، އެމެރިކާއިން ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އީރާނަށް ހަމަލާއެއް ދީފާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި، މި އޮޕަރޭޝަނަށް ތައްޔާރުވުމުގެ ގޮތުން އެމެރިކާގެ ބީ-2 ސްޓެލްތު ބޮމްބަރު މަތިންދާބޯޓުތައް މިހާރު ވަނީ އެ ސަރަޙައްދަށް ގެންގޮސްފައެވެ.

މީގެ އިތުރުން، އެމެރިކާގެ މަނަވަރު 'ޔޫ.އެސް.އެސް އަބްރަހަމް ލިންކަން' އީރާނާ ކައިރި ސަރަޙައްދަކަށް މިހާރު ވަނީ މިސްރާބު ޖަހާފައެވެ. މި ހަރަކާތްތަކަކީ އީރާނުގެ ނިއުކްލިއާ މަޝްރޫޢާ ގުޅޭގޮތުން އެމެރިކާއިން ކުރަމުންދާ މަޝްވަރާތަކުގައި އީރާނަށް ފުރުސަތު ދިނުމަށާއި، މަޝްވަރާތައް ނާކާމިޔާބުވެއްޖެ ނަމަ އަސްކަރީ ފިޔަވަޅު އެޅުމަށް ވެފައިވާ ތައްޔާރީތަކެއް ކަމަށް ބެލެވެއެވެ.

މި އަސްކަރީ ތައްޔާރީތަކުގައި ޗާގޯސް ޖަޒީރާގައި އޮންނަ ޑިއޭގޯ ގާސިއާ އަސްކަރީ ބޭސް މުހިންމު ދައުރެއް އަދާކުރާ ކަމަށް މައުލޫމާތު ލިބެއެވެ. އެގޮތުން، އެމެރިކާގެ ސިފައިން އީރާނުގެ އަމާޒުތަކުގެ ޗާޓުތައް ކުރަހައި، ކޯޑިނޭޓްތައް ކަނޑައެޅުމުގައި އެ ބޭސްގައި ހުންނަ ޖީ.ޕީ.އެސް ސްޓޭޝަންތަކުގެ އެހީތެރިކަން ހޯދަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އީރާނުން އެމެރިކާގެ ޝަރުތުތަކަށް އެއްބަސްނުވެއްޖެ ނަމަ، ޑިއޭގޯ ގާސިއާ ފަދަ މަރުކަޒުތައް ބޭނުންކޮށްގެން އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ. ނަމަވެސް، އިނގިރޭސިވިލާތުން މި ބޭސް ބޭނުންކުރުމުގެ ހުއްދަ ދިނުމާ މެދު އަދި ވަކި ގޮތެއް ނުނިންމާ އޮތުމުން ދެ ޤައުމުގެ ދެމެދުގައި ސިޔާސީ ނުތަނަވަސްކަމެއް ވެސް ވަނީ އުފެދިފައެވެ.



ކިޔުންތެރިންގެ ހިޔާލު