ލަކްނޫ ޔުނިވަރސިޓީގެ ކެމްޕަހުގައި ހުންނަ ތާރީޚީ މިސްކިތެއް ކަމަށްވާ "ލާލް ބަރާދަރީ" ގެ ގޭޓުތައް، އެއްވެސް އިންޒާރަކާ ނުލައި ޔުނިވަރސިޓީގެ އިދާރާއިން ބަންދުކޮށް، އެތަނަށް ވަނުން މަނާކުރުމާ ގުޅިގެން މުސްލިމް ދަރިވަރުން ކުރަންފެށި އިހުތިޖާޖު ތެރެއިން އެކުދީން ރޯދަވީއްލައި ނަމާދުކޮށް ނިމެންދެން ހިންދޫ ދަރިވަރުން ވަނީ އިންސާނީ ފާރެއް ހަދައި މުސްލިމު ދަރިވަރުން ހިމާޔަށް ކޮށްފައެވެ.

މިދިޔަ އާދީއްތަ ދުވަހު ހިނގި މި ހާދިސާގައި، މިސްކިތް ބަންދުކޮށްފައި ހުރުމުގެ ސަބަބުން މުސްލިމް ދަރިވަރުން ނަމާދުކޮށްފައިވަނީ އެ އިމާރާތުގެ ބޭރުގައެވެ.

މި ވަގުތު މުސްލިމް ދަރިވަރުންނަށް ހިމާޔަތް ދިނުމުގެ ގޮތުން، އެތަނުގައި ތިބި ހިންދޫ ދަރިވަރުން ވަނީ މުސްލިމް ދަރިވަރުންގެ ވަށައިގެން އަތާއި އަތް ގުޅުވައިގެން "ހިއުމަން ޗެއިން" އެއް ނުވަތަ އިންސާނީ ފާރެއް ހަދައި ނަމާދުކުރަން ތިބި މުސްލިމު ދަރިވަރުންނަށް ފުރިހަމަ ހިމާޔަތްދީ ނަމާދުކުރުމަށް އެހީތެރިވެފައެވެ.

މި ހަރަކާތަކީ އިންޑިއާގެ ދީނީ އެއްބައިވަންތަކަމާއި، އެކަކު އަނެކަކަށް އޮންނަ އިހުތިރާމް ދައްކުވައިދޭ ވަރަށް ވަރުގަދަ މިސާލެއްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރެއެވެ.

"ސަމާޖްވާދީ ޗާޓްރާ ސަބާ" އާއި އެހެނިހެން ދަރިވަރުންގެ ޖަމިއްޔާތަކަށް ނިސްބަތްވާ މި ހިންދޫ ދަރިވަރުން ބުނެފައިވަނީ، މިއީ އެކުދިންގެ މުސްލިމް ރަހުމަތްތެރިންނަށް އެކުދިންގެ އަޅުކަން އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ. މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، މުސްލިމް ދަރިވަރުން ނަމާދުކޮށް އަދި ރޯދަ ވީއްލިއިރުވެސް، ހިންދޫ ދަރިވަރުން ތިބީ އެކުދިންގެ ފާރަވެރިންގެ ގޮތުގައި ދަމާލާފައިވާ އިންސާނީ ފާރުގެ ތެރޭގައެވެ.

ޔުނިވަރސިޓީގެ އިދާރާއިން ބުނެފައިވަނީ "ލާލް ބަރާދަރީ" އިމާރާތަކީ ވަރަށް ދުވަސްވީ، އަދި ބައެއް ބައިތައް ވެއްޓެން ކައިރިވެފައިވާ ނުރައްކާތެރި ތަނަކަށް ވުމުން، ދަރިވަރުންގެ ސަލާމަތަށްޓަކައި އެތަން ބަންދުކުރީ ކަމަށެވެ. ނަމަވެސް، ރޯދަމަސް ފެށުނު ފަހުން ކުއްލިއަކަށް މިސްކިތް ބަންދުކުރުމަކީ ދީނީ މިނިވަންކަމަށް ހުރަސްއެޅުން ކަމަށް ބުނެ ދަރިވަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ހާދިސާއާ ގުޅިގެން ކެމްޕަހުގައި ފުލުހުންގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު