ދިވެހިރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިހުތިޔާރުގެ ދަށުން، އިމްޕޯޓް ޑިއުޓީ އާއި ރޯޔަލްޓީ އަދި ރެވެނިއު ފީ މާފުކޮށްދެވޭނެ މަސައްކަތްތަކާއި ހާއްސަ ހާލަތްތަކާއި މަޝްރޫއުތަކާއި ވިޔަފާރިތައް ކަނޑައެޅުމުގެ އުސޫލު ސަރުކާރުން މިއަދު އާންމުކޮށްފިއެވެ.

ސަރުކާރުން އެކުލަވާލި މި އުސޫލުގެ މަގުސަދަކީ ރާއްޖޭގެ އިގްތިސާދީ ހަރަކާތްތައް ފުޅާކޮށް، އިންވެސްޓްމަންޓްތަކަށް ފަހި މާހައުލެއް ގާއިމުކޮށްދިނުމެވެ. މި އުސޫލުގައިވާ ގޮތުން، މައިގަނޑު ތިން ހާލަތެއްގައި އިމްޕޯޓް ޑިއުޓީއާއި ރޯޔަލްޓީ އަދި ރެވެނިއު ފީ މާފުކޮށްދެވޭނެއެވެ.

އެގޮތުން ޑިއުޓީ މާފުކުރެވޭ ތަކެތީގެ ތެރޭގައި ހިމެނެނީ، އިގްތިސާދީ ގޮތުން ރާއްޖެއަށް ބޭނުންތެރި މަސައްކަތެއް ފެއްޓުމަށާއި، އެ މަސައްކަތް ހިންގުމަށް އިމްޕޯޓްކުރާ ތަކެއްޗާއި، ހާއްސަ ހާލަތެއް މެދުވެރިވެގެން، ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ނުވަތަ ވަކި ރަށެއް ނުވަތަ ސަރަހައްދެއްގެ ރައްޔިތުންގެ އާންމު ފައިދާއަށް އިމްޕޯޓްކުރާ ތަކެއްޗާއި، އިގްތިސާދީ ގޮތުން ރާއްޖެއަށް ބޭނުންތެރި ސްޓްރެޓީޖިކް މަޝްރޫއެއް ނުވަތަ ވިޔަފާރިއެއް ހިންގުމަށް އިމްޕޯޓް، އެކްސްޕޯޓް ނުވަތަ ރީ-އެކްސްޕޯޓްކުރާ ތަކެއްޗެވެ.

މި އުސޫލުގެ ދަށުން ޖުމްލަ 12 މަސައްކަތެއް ކަނޑައަޅައި، އެ މަސައްކަތްތަކަށް އެތެރެކުރާ ތަކެތިން ލުއިތައް ލިބޭނެކަން ވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި އޮޑިދޯނިފަހަރު ބަނުމާއި މަރާމާތުކުރުމަށް ގެންނަ ތަކެއްޗާއި، ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ދަނޑުވެރިކަމަށް ބޭނުންވާ ތަކެތި ހިމެނެއެވެ. އަދި މަސްވެރިކަން ތަރައްގީކުރުމާއި، އިމްޕޯޓް މަދުކޮށް އެކްސްޕޯޓް އިތުރުކުރާނެ ވިޔަފާރިތަކަށް ވެސް މި ލުއިތައް ލިބޭނެއެވެ.

މީގެ އިތުރުން، ރާއްޖޭގެ އިގްތިސާދު ޑައިވާސިފައި ކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ބޭރު ފައިސާ އިތުރުކޮށްދޭ ވިޔަފާރިތަކަށް ވެސް އިސްކަންދީފައިވެއެވެ.

ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު، އާ މަސައްކަތްތަކާއި ބޮޑެތި ކެޕިޓަލް އިންވެސްޓްމަންޓްތަކުގެ އިތުރުން، ފަތުރުވެރިކަން ކުރިއަރާފައިނުވާ ހއ، ހދ، ށ، ތ، ލ އަދި އައްޑޫ އަތޮޅުގައި ރިޒޯޓް ތަރައްގީކުރަން ގެންނަ ތަކެއްޗަށް ވެސް ޑިއުޓީ މާފުކުރެވޭނެއެވެ. ހަމައެހެންމެ، ބަންކަރިންގެ ހިދުމަތަށް ބޭނުންވާ ތެލުގެ ބާވަތްތަކާއި، ހަލާލް ޓޫރިޒަމަށް އިންވެސްޓްކުރާ ފަރާތްތަކަށް ވެސް މި އުސޫލުން ލުއިތައް ލިބިގެންދާނެއެވެ.

އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުން، މި މަސައްކަތްތަކަށް އެތެރެކުރާ ތަކެތީގެ ތެރެއިން ޑިއުޓީ މާފުކޮށްދެވޭނީ ކެޕިޓަލް އިކުއިޕްމަންޓާއި، ސްޕެއާޕާޓާއި، މެޓީރިއަލް އަދި އެހެނިހެން ސަޕްލައިތަކަށެވެ. އަދި ޑިއުޓީ މާފުކޮށްދެވޭނެ މިންވަރާއި، ހާއްސަ ހާލަތްތަކުގައި އަމަލުކުރާނެ ގޮތްތައް ވެސް މި އުސޫލުގައި ތަފްސީލުކޮށް ބަޔާންކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު