ކުރީ ސަރުކާރުން ކުރިއަށްގެންދިޔަ 'ބިންވެރިޔާ' ސްކީމްގެ ދަށުން ގަވާއިދާ ހިލާފަށް ގޯތި ހޯދުމަށް ޞައްޙަނޫން ލިޔެކިޔުންތަކެއް އުފެއްދި ކަމަށް ބުނާ މައްސަލާގައި، އެމްޑަބްލިޔުއެސްސީގެ ކުރީގެ ޑެޕިއުޓީ މެނޭޖިންގް ޑިރެކްޓަރ މުޙައްމަދު ފަޒީލް ރަޝީދާއި އިތުރު ބައެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ދަޢުވާ އުފުލައިފިއެވެ.

މި މައްސަލައިގައި ޞައްޙަނޫން ލިޔުމެއް އުފެއްދުމުގެ ކުށުގެ ދަޢުވާ ކްރިމިނަލް ކޯޓުގައި އުފުލާފައިވަނީ ގ. ޕޫލްބަހާރުއާގެ، އަޙްމަދު ޢަތީޤް ޢަބްދުالله އާއި ނ. ވެލިދޫ، ޑޭޒީމާގެ އަޙްމަދު މާޒިންގެ މައްޗަށެވެ. މީގެ އިތުރުން މ. ފަޅުމަތީގެ، އަރުޝަދު ޢަލީގެ މައްޗަށް ވަނީ ޞައްޙަނޫން ލިޔުމެއް އުފެއްދުމުގައި ބައިވެރިވުމުގެ ކުށުގެ ދަޢުވާ އުފުލާފައެވެ.

ޕީޖީ އޮފީހުން މަޢުލޫމާތު ދޭ ގޮތުގައި، މި ފަރާތްތަކުން ވަނީ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ އަދި ގުޅީފަޅުން ބިން ދޫކުރުމަށް ފޯމު ހުށަހެޅުމަށް ހުޅުވާލި ދުވަސްވަރު، އެ މަސައްކަތުގައި އުޅެމުން ބިމުގެ ހައްޤުވެރިކަން އެނގޭނޭ ސައްހަނޫން ރަޖިސްޓްރީއާއި އެއްބަސްވުންތައް އުފައްދާފައެވެ.

މި މައްސަލައިގައި އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ ދަޢުވާ ޖުމްލަ 9 މީހެއްގެ މައްޗަށް ވަނީ އުފުލާފައެވެ. އެ ދަޢުވާ އުފުލާފައިވަނީ މަރްޔަމް ސާޢީ އާއި، މުޙައްމަދު ފަޟީލް ރަޝީދު އާއި، އީމާ ވަހީދު އާއި، ޢާއިޝަތު މަޢުރޫފާ އާއި، މުޙައްމަދު އާދަމް އާއި، ޢަބްދުލްމަޖީދު މާހިރު އާއި، ޙުސައިން ޒާހިރު ޒައިނު އާއި އަޝްހަދު ޢަލީ އާއި އަޙްމަދު ޢަލީގެ މައްޗަށެވެ.

މި މީހުންގެ މައްޗަށް މި ދަޢުވާ އުފުލާފައިވަނީ، ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެއިން ގޯތި ލިބިފައިވާކަން ދެއްކުމަށާއި، ގޯތީގެ ވަށާފާރު ރޭނުމުގެ ހުއްދަ ހޯދުމަށްޓަކައި ޞައްޙަނޫން ރަޖިސްޓްރީއާއި އެއްބަސްވުންތައް އެޗްޑީސީއަށް ހުށަހަޅާފައިވާތީއެވެ.

އޭގެއިތުރުން ޕީޖީ އޮފީހުން ބުނީ، މި މައްސަލާގައި ކޮރަޕްޝަންގެ ޢަމަލުތަކެއް ހިމެނޭތީ، އެ ބައިތައް ވަކި މައްސަލައެއްގެ ގޮތުގައި އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ތަޙުޤީޤު ކުރަމުންދާ ކަމަށެވެ. އަދި އޭސީސީގެ ތަޙުޤީޤު ނިމުމުން، އެ ބައިތަކުގައި ދަޢުވާކުރުމާމެދު ވަކި ގޮތެއް ނިންމާނެ ކަމަށްވެސް އެ އޮފީހުން ބުނެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު