ރަމަޟާން މަހު މާލޭގެ ބާޒާރުގައި ތަކެތީގެ އަގުތަކަށް އަންނަ ބަދަލުތަކާއެކު، އާންމުކޮށް ކެއުމުގައި ބޭނުންކުރާ ލުނބޯގެ އަގު ބޮޑުތަނުން އުފުލިއްޖެއެވެ.

މީގެ ކުރިން ބާޒާރުގައި 30 ރުފިޔާއާއި 35 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ލިބެން ހުރި ލުނބޯ ކިލޯއެއްގެ އަގު، ރަމަޟާން މަސް ފެށުނުއިރު ހުރީ 60 ރުފިޔާގައެވެ. ނަމަވެސް، މިދިޔަ އާދީއްތަ ދުވަހުން ފެށިގެން ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު ވަނީ 65 ރުފިޔާއާއި 70 ރުފިޔާއާ ދެމެދުގެ އަގަކަށް އުފުލިފައެވެ.

ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހަކީ ލުނބޯ ފަދަ ތަކެއްޗަށް އޮންނަ ޑިމާންޑް ބޮޑުވާ ދުވަސްވަރަކަށް ވާއިރު، ބާޒާރަށް ލިބޭ މިންވަރު މަދުވުމަކީ އަގު އުފުލެން މެދުވެރިވާ މައިގަނޑު ސަބަބެވެ.

ބާޒާރުގައި ހުރި އެހެނިހެން ބައެއް ތަކެތީގެ އަގުތަކަށް ބަލާއިރު، އާދީއްތަ ދުވަހު ކަނޑޫދޫ މިރުސް ކިލޯއެއް ހުރީ 330 ރުފިޔާއާއި 380 ރުފިޔާއާ ދެމެދުގައެވެ. މީގެ އިތުރުން ފަޅޯ ކިލޯއެއް 50 ރުފިޔާއަށް ލިބެން ހުރިއިރު، ފެޝަން ފުރުޓް ކިލޯއެއް ހުރީ 120 ރުފިޔާގައެވެ. އަދި ދޮންކެޔޮ ކިލޯއެއްގެ އަގު ހުރީ 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގައެވެ.

މޭވާގެ ބާވަތްތަކުގެ ތެރެއިން ކަރާ ކިލޯއެއް 30 ރުފިޔާއަށް ލިބެން ހުރިއިރު، ޕައިންއެޕަލް މެލަން ކިލޯއެއް 35 ރުފިޔާއަށް، މެލަން ކިލޯއެއް 55 ރުފިޔާއަށް އަދި އަލަނާސި ކިލޯއެއް ލިބެން ހުރީ 60 ރުފިޔާއަށެވެ.

ރަމަޟާން މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ބާޒާރަށް ތަކެތި ލިބޭ މިންވަރަށް ބަލައި އަގުތަކަށް ބަދަލު އައުން އެކަށީގެންވާ ކަމަށް ވިޔަފާރިވެރިން މަޢުލޫމާތު ދީފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު