ފެހި ގާނޫނުއަސާސީ އެކުލަވާލިއިރު އެއްވެސް އިރެއްގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބޭއްވުމުގެ ވާހަކަ ދެކެވިފައި ނުވާ ކަމަށް، ގާނޫނުއަސާސީ އެކުލަވާލި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

"ދެ އިންތިހާބު އެއްކޮށްލަން ނުފެނޭ" މި ނަމުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާރިޔާ ވިދާޅުވީ ގާނޫނުއަސާސީ އިސްލާހުކުރިއިރު ދެ އިންތިހާބު އެކީގައި ބޭއްވުމާ ގުޅޭގޮތުން އެއްވެސް މަޝްވަރާއެއް ކުރެވިފައި ނެތް ކަމަށެވެ.

މާރިޔާ ވިދާޅުވީ، 2005 ވަނަ އަހަރު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ފަސް އަހަރަށް އިންތިހާބު ކުރި ނަމަވެސް، އައު ގާނޫނުއަސާސީއާއެކު އެ މަޖިލީހުގެ ދައުރު ކުރުކޮށް 2009 ވަނަ އަހަރު އިންތިހާބު ބޭއްވި ކަމަށެވެ. މިއީ ދެ އިންތިހާބު ވަކިން ބޭއްވުމުގެ މަގްސަދުގައި ކުރެވުނު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިފަހަރު ނަގާ ފެންނަ ނުފެންނަ ވޯޓާ ގުޅޭގޮތުން ރައްޔިތުން ހޭލުންތެރި ކުރުވުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތެއް ނުކުރާތީ މާރިޔާ ވަނީ ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. އެގޮތުން އޭނާ ވިދާޅުވީ، 2007 ވަނަ އަހަރުގެ ނިޒާމީ ވޯޓުގެ ކުރިން ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ސަރުކާރުން ރައްޔިތުންނަށް ބަހުސްކުރުމުގެ ފުރުސަތު ދެއްވައި، ވަރަށް ބޮޑަށް ހޭލުންތެރިކުރުވި ކަމަށެވެ. ނަމަވެސް މިސަރުކާރަށް އެވަރުވެސް ނުވި ކަމަށް މާރިޔާ ވިދާޅުވެފައިވެއެވެ.

"ވެރިޔަކަށް ހުންނަ މީހާ ހިތަށް އެރީމާ ކުރާ ކަމެއް ނޫނޭ ގާނޫނުއަސާސީ ބަދަލުކުރުމަކީ. ގާނޫނުއަސާސީއަކީ ދިވެހި ރައްޔިތުންގެ ވިންދު." މާާރިޔާ ވިދާޅުވި އެވެ.

މާރިޔާ މިހެން ވިދާޅުވެފައިވާއިރު ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މިހާރު ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެކުގައި ބޭއްވުމާމެދު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހުށަހަޅާފައެވެ. މި ވޯޓު ނެގުމަށް ހަމަޖެހިފައިވަނީ އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުގެ ތެރޭގައެވެ.



ކިޔުންތެރިންގެ ހިޔާލު