މި އަހަރުގެ ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައިވީ ނަމަވެސް، އެ ދުވަސްވަރު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ޚިދުމަތްދޭނެ ވަގުތުތައް އެ ބޭންކުން މިއަދު އިޢުލާންކޮށްފިއެވެ.

ބީއެމްއެލް އިން ބުނީ، ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކުގެ ތެރެއިން އެ ބޭންކުގެ ބްރާންޗުތައް ހުޅުވައިގެން ޚިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ މާރިޗު މަހުގެ 11 ވާ ހޯމަ ދުވަހާއި، މާރިޗު 18 ވާ ހޯމަ ދުވަހު ކަމަށެވެ. މި ދެ ދުވަހު ބޭންކު ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރުފަހު 12:30 އަށެވެ.

ހަމައެއާއެކު ބޭންކުގެ ބްރާންޗުތައް ބަންދުވާ ދުވަސްތަކުގައިވެސް، އިންޓަރނެޓް ބޭންކިންގ އަދި މޮބައިލް އެޕް މެދުވެރިކޮށް ދޭ ހުރިހާ އޮންލައިން ޚިދުމަތްތަކެއް މެދުނުކެނޑި ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެއެވެ. މީގެއިތުރުން، ފިތުރު އީދަށްފަހު ޝައްވާލް މަހުގެ ފުރަތަމަ ހަތް ދުވަހު ބޭންކުގެ ބްރާންޗުތައް ހުޅުވާފައި ހުންނާނީ ހެނދުނު 9:30 އިން މެންދުރުފަހު 12:30 އަށް ކަމަށްވެސް އެ ބޭންކުން ވަނީ މަޢުލޫމާތު ދީފައެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއްގައި ބޭންކުތަކަށް ޚިދުމަތް ދިނުމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންވެސް ވަނީ ޚާއްޞަ އިންތިޒާމުތަކެއް ހަމަޖައްސާފައެވެ. އެމްއެމްއޭ އިން ބުނީ، މާރިޗު 11 އަދި 18 ވަނަ ދުވަހު ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށް އެ އޮތޯރިޓީ ހުޅުވާފައި ހުންނާނެއެވެ.

ރަމަޟާން މަހުގެ ފަހު ދިހައެއްގެ ދުވަސްތަކަކީ އަޅުކަމަށް ފުރުޞަތު ދިނުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅުއްވާފައިވާ ދުވަސްތަކެކެވެ. ނަމަވެސް، ރައްޔިތުންނަށް ކޮންމެހެން ބޭނުންވާ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި އެކި އިދާރާތަކުން ދަނީ އިންތިޒާމުތައް ހަމަޖައްސަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު