ރާއްޖޭގެ ރަށެއްގެ މިސްކިތެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ރާއްޖޭގެ ރަށެއްގެ މިސްކިތެއް (ފޮޓޯ: ސޯޝަލް މީޑިއާ)
ޢުމުރުން ދުވަސްވީ މީހުންނަށް އަޅާލައި ކަމޭހިތުމަށް އިސްލާމްދީނުގައި އަންގަވާފައިވާ ކަމަށް މިއަދުގެ ޚުތުބާގައި ބުނެފިއެވެ.

"އުމުރުން ދުވަސްވީ މީހުންނަށް ކަމޭހިތުމާއި އަޅާލުމުގެ މައްޗަށް އަލި އަޅުވާލައި މިއަދު ދިން ޚުތުބާގައި ބުނެފައިވަނީ، ޢުމުރުން ދުވަސްވީ މީހުންނަށް ޞިއްހީ އެހީތެރިކަމާއި، އިޖުތިމާޢީ އަދި ނަފްސާނީ ރައްކާތެރިކަން ހޯދައިދީ، އެމީހުންނަށް ބޭނުންވާ ޚިދުމަތްތައް ފަސޭހައިން ލިބޭނެ މަގު، ތަނަވަސް ކޮށްދިނުމަކީ، ކަމާބެހޭ ފަރާތްތަކާއި ބަލަދުވެރިންގެ ޒިންމާއެއްކަމަށެވެ.

މީގެ އިތުރުން ޢުމުރުން ދުވަސްވީ މީހުންގެ ޙައްޤުތައް ދެނެގަނެ، އެ ޙައްޤުތަކަށް ރައްކާތެރިވެ، އަދަބު އިޙްތިރާމް އަދާކުރަން ޖެހޭ ކަމަށާއި، ޢުމުރުން ދުވަސްވެ ގައިބާރު ދެރަވެފައިވާ ބަޔަކަށް މިއަދު އެމީހުން ވީނަމަވެސް އެމީހުންނަކީ ދުނިޔޭގައި ގިނަދުވަހު އުޅެ ގިނަ ތަޖުރިބާ ތަކެއް ކޮށްފައިވާ ޤައުމުގެ އިސް ރަށްވެހިންކަން ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އެމީހުންނަކީ އަދުގެ ޖީލަށްޓަކައި ބުރަ މަސައްކަތްތަކެއް ކޮށް ބޮޑެތި ޤުރުބާނީތަކެއް ވެފައިވާ މީހުންކަމަށާއި، އެމީހުންނަށް ދޭން ޖެހޭ ޙައްޤު ޤަދަރާއި، އިޙްތިރާމު ދިނުމަށް އިސްލާމް ދީނުގައި އަމުރު ކުރައްވައި ވަޞިއްޔަތް ކުރައްވާފައިކަންވެސް ޚުތުބާގައި ވަނީ ހަނދާންކޮށްދީފައެވެ.

އެހެންކަމުން އިޖުތިމާޢީ ގޮތުން ކުރެވޭ ކަންކަމުގައި، ޢުމުރުން ދުވަސްވީ މީހުންނަށް އިސް ދައުރެއް އަދާކުރެވޭނެ މަގު ތަނަވަސްކޮށްދީ އިޖުތިމާޢީ ގޮތުން މުޖުތަމަޢަށް އަންނަ ބަދަލުތަކުން ޢުމުރުން އެމީހުން ސަލާމަތް ކުރުމަށްޓަކައި، ނަފުސާނީ ގޮތުންނާއި، ޖިސްމާނީ ގޮތުން، ބޭނުންވާ އެހީތެރިކަމާއި އަޅާލުން ފޯރުކޮށްދިނުމަކީ، ވަރަށް މުހިންމު ކަމެއްކަންވެސް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ. އަދި ޢުމުރުން ދުވަސްވީ މީހުންނަށް ލިބޭ އަނިޔާތަކުގެ ތެރޭގައި، ޖިސްމާނީ ގޮތުންނާއި، ނަފްސާނީ ގޮތުން އިހުމާލު ވުމުގެ ސަބަބުން ލިބޭ އަނިޔާތައް ގިނަ ކަމަށާއި، ޢުމުރުން ދުވަސްވީ މީހުންނަށް ކުރާ އަނިޔާގެ ތެރެއިން އެންމެ ގިނައީ އިހުމާލުވުމުގެ މައްސަލަތައް ކަމަށް ޚުތުބާގައި ފާހަގަކޮށްފައިވެއެވެ.

ޢުމުރުން ދުވަސްވީ މީހުންނަށް ސަރުކާރުން ދޭ ޢިނާޔަތުގެ ފައިސާ އެހެން މީހުން ބޭނުން ކުރުމުގެ ސަބަބުން ދިމާވާ މައްސަލަތަކުން ޢުމުރުން ދުވަސްވީ މީހުންނަށް އިތުރު ނަފްސާނީ މައްސަލަތަކާ ކުރިމަތިލާން ޖެހޭކަންވެސް ޚުޠުބާގައި ވަނީ ފާހަގަކޮށްފައެވެ. އަދި ޢުމުރުން ދުވަސްވެ ގައިބާރު ދެރަވުމުން، ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒަށް ފޮނުވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.

ޚުޠުބާގައި ވަނީ ބޮޑެތި މީހުންނަށް އިޙްތިރާމު ކުރުމަކީ އިސްލާމީ މަތިވެރި އަގުތަކުގެ ތެރޭގައި ހިމެނޭ ކަމެއްކަންވެސް ފާހަގަ ކުރައްވާފައެވެ. އަދި އެއީ ހަމައެކަނި ރީތި އާދަކާދަ އާއި، ރިވެތި ސުލޫކެއް އެކަނި ނޫން ކަމަށާއި އެއީ އިސްލާމީ އަދަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށްވެސް ހުކުރު ޚުޠުބާގައި ފާހަގަކޮށްފައިވެއެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް ހެޔޮކޮށް ހިތުމާއި ހެޔޮ ފޯރުވުމާއި އިޙްސާންތެރިވުމާއި މުޖުތަމަޢުގެ ކަންތައްތަކުގައި ބައިވެރިކުރުމާއި ކަންކަމުގައި މަޝްވާރާއާއި ޚިޔާލު ހޯދުމަކީ ކަންކަމުގައި މާތް ﷲ ބަރަކާތް ލައްވާނެ ކަމެއްކަންވެސް ފާހަގަކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން