އީރާނާ ދެކޮޅަށް އެމެރިކާއިން ކުރަމުންދާ ހަނގުރާމައިގައި، މިއަދަކީ އީރާނުގެ އެތެރޭގެ އަމާޒުތަކަށް އެންމެ ވަރުގަދައަށް ހަމަލާދޭނެ ދުވަސް ކަމަށް އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވިދާޅުވެއްޖެއެވެ.

ޕެންޓަގަންގައި ޖޮއިންޓް ޗީފްސް އޮފް ސްޓާފްގެ ޗެއަރމަން ޖެނެރަލް ޑެން ކޭންއާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެގްސެތު ވިދާޅުވީ، އީރާން އޮތީ އެކަހެރިވެފައި ކަމަށާއި، އެ ގައުމު ދަނީ ވަރަށް ބޮޑަށް ބަލިވަމުން ކަމަށެވެ. އަދި ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި އީރާނުން ފޮނުވާލާފައިވަނީ މިހާތަނަށް އެ ގައުމުން ފޮނުވާލި އެންމެ މަދު މިސައިލް އަދަދުކަން އޭނާ ފާހަގަކުރެއްވިއެވެ.

ހެގްސެތުގެ މި ވާހަކަތަކަކީ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިން ދެއްކެވި ވާހަކަފުޅުތަކާ އެއްގޮތް ވާހަކަތަކެކެވެ. މިއާމީގައި ހުންނަވާ ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވެފައިވަނީ، އީރާނުގެ އަސްކަރީ ވަސީލަތްތައް ހީކުރި ވަރަށްވުރެ މާ އަވަހަށް ނެތިކޮށްލެވެމުންދާތީ، މި ހަނގުރާމަ ވަރަށް އަވަހަށް ނިމުމަކަށް އަންނާނެ ކަމަށެވެ. އެމެރިކާ އާއި އިސްރާއީލުން އީރާނަށް ހަމަލާދޭން ފަށާފައިވަނީ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުއެވެ.

މީގެ އިތުރުން، ހަނގުރާމައަށްފަހު ދުނިޔޭގެ ބާޒާރަށް ތެޔޮ ސަޕްލައިކުރުން ހުއްޓުވައިފިނަމަ، އީރާނުގެ ވެރިކަން ކުރާ ނިޒާމަށް ވަރުގަދަ އިންޒާރެއް ޓްރަމްޕް ވަނީ ދެއްވާފައެވެ. "ސްޓްރެއިޓް އޮފް ހޯމޫޒް" މެދުވެރިކޮށް ތެޔޮ އުފުލުމަށް އީރާނުން އެއްވެސް ހުރަހެއް އަޅައިފިނަމަ، މިހާރު ދެމުންދާ ހަމަލާތަކަށްވުރެ ވިހި ގުނަ ވަރުގަދަ ހަމަލާއެއް އެމެރިކާއިން ދޭނެ ކަމަށް ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް "ޓްރުތް ސޯޝަލް" ގައި ލިޔުއްވާފައިވެއެވެ.

މިއަދު ހެގްސެތު ވާހަކަދައްކަވަމުން ދިޔަ ވަގުތު، އަބޫދާބީގެ ރުވައިސް އިންޑަސްޓްރިއަލް ކޮމްޕްލެކްސްގައި ހުރި ތެޔޮ ސާފުކުރާ ކާރުޚާނާއަކަށް އީރާނުން ދިން ޑްރޯން ހަމަލާއެއްގައި އެ ކޮމްޕްލެކްސްގައި އަލިފާން ރޯވެފައިވާކަން އެ ސިޓީގެ ކަމާބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ. ނަމަވެސް، މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނު ކަމުގެ ރިޕޯޓެއް އަދި ލިބިފައެއް ނުވެއެވެ.



ކިޔުންތެރިންގެ ހިޔާލު