މާލެއާއި އަތޮޅުތެރޭގެ ރަށްރަށުގައި ބިދޭސީން ދިރިއުޅޭ އެކޮމޮޑޭޝަން ބްލޮކްތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ހަރުދަނާ ނިޒާމްތަކެއް ޤާއިމްކުރަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އިތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) ވިދާޅުވެއްޖެއެވެ.

މެމްބަރު މިހެން ވިދާޅުވީ، އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އިއްޔެ ރޭ ދަންވަރު ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ފަސް މީހަކު މަރުވުމާ ގުޅިގެން، އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ކުޑޫ ވިދާޅުވި ގޮތުގައި، ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ ހާލަތު އެނގެނީ ހިތާމަވެރި ހާދިސާއެއް ހިނގުމުންނެވެ. އަދި ބިދޭސީން ދިރިއުޅޭ ބައެއް ތަންތަނަށް "ކޮށި" ކިޔާ އުޅޭ އަޑު އިވޭ ކަމަށާއި، އެއީ އެމީހުންނާ މެދު ބައެއް މީހުން ދެކޭ ގޮތުގެ ހިތާމަވެރި މިސާލެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

"މިރޯދަމަހުގައި ހުޅުމާލޭގެ ރެސްޓޯރެންޓެއްގައި މަސައްކަތް ކުރާ ބިދޭސީންތަކެއް މުސާރަ އާއި މަސައްކަތް ކުރަންޖެހޭ ވަޤުތު އަދި ދިރިއުޅެންޖެހޭ ތަނުގެ މައްސަލާގައި އިހުތިޖާޖު ކުރަމުންދިޔަތަން ފެނުނު،" ބިދޭސީންގެ ހައްގުތަކާއި ދިރިއުޅުމުގެ ހާލަތާ ގުޅޭގޮތުން ކުޑޫ ވިދާޅުވިއެވެ.

ދިގުރަށުގައި ހިނގި ހާދިސާއަށް އިޝާރާތް ކުރައްވަމުން މެމްބަރު ވިދާޅުވީ، ރޭ ދަންވަރު އެ ރަށުގެ އެކޮމޮޑޭޝަން ބްލޮކެއްގައި ރޯވެ ފަސް މީހަކު މަރުވުމަކީ ބޮޑު ހިތާމައެއް ކަމަށެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، މާލޭގައިވެސް އަދި ރަށްރަށުގައިވެސް ބިދޭސީން ދިރިއުޅޭ ތަންތަނުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެ ނިޒާމެއް އޮތުން މަޖުބޫރު ކަމަށް އޭނާ ވިދާޅުވިއެވެ.

ބިދޭސީންގެ ދިރިއުޅުމުގެ ހާލަތު ރަނގަޅުކުރުމާއި، އެމީހުން ދިރިއުޅޭ ތަންތަނަކީ ސަލާމަތީ ގޮތުން ރައްކާތެރި ތަންތަންކަން ކަށަވަރުކުރުމަށް ކަމާބެހޭ މުއައްސަސާތަކުން އިތުރު ސަމާލުކަމެއް ދޭންޖެހޭ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު