އދ. ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި މަރުވި ފަސް މީހުންގެ ތެރެއިން ދެ މީހެއްގެ ހަށިގަނޑު މިއަދުގެ ވަގުތެއްގައި ބަންގްލަދޭޝްއަށް ފޮނުވާލުމަށް ނިންމައިފިއެވެ.

ބަންގްލަދޭޝްގެ ނޫހެއް ކަމަށްވާ 'ދަ ޑެއިލީ ސްޓާ' އިން އެ ގައުމުގެ ފޮރިން މިނިސްޓްރީއާ ހަވާލާދީ ރިޕޯޓުކޮށްފައިވަނީ، މި ހާދިސާގައި މަރުވި ސާދަރު އަލީ އާއި ޝަފީގުލް އިސްލާމުގެ ހަށިގަނޑު މިއަދު އެ ގައުމަށް ގެންދާނެ ކަމަށެވެ.

މި ހާދިސާގައި މަރުވި ފަސް މީހުންނަކީ ވެސް ބަންގްލަދޭޝްގެ ރައްޔިތުންނެވެ. އެއީ ރާޖު އުދިން އިސްލާމް، ސާދަރު އަލީ، ރޮބިން މޮއްލާ، ޝަފީގުލް އިސްމާލް އަދި ނޫރްނަބީ ސަރްކާރް އެވެ. މީގެ އިތުރުން، މި ހާދިސާގައި އަނިޔާވި ސައްދާމް ހޮސެއިންއާއި ޖަމާލް އުދިންއަށް މިހާރު ދަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

ބަންގްލަދޭޝް ހައި ކޮމިޝަނުން ބުނީ، މި ހާދިސާގައި މަރުވި މީހުންގެ އާއިލާތަކާ ގުޅައި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ހައި ކޮމިޝަނުގެ އޮފިޝަލުން ވަނީ އަލިފާން ރޯވި ތަނަށް ގޮސް އެ ތަން ބަލައިފައެވެ. މީގެ އިތުރުން، މި ހާދިސާގެ ސަބަބުން ހާލުގައި ޖެހުނު ބަންގްލަދޭޝްގެ އެހެން މީހުންނަށް ބޯހިޔާވަހިކަން ވެސް ހައި ކޮމިޝަނުން ވަނީ ހަމަޖައްސައިދީފައެވެ.



މި ހާދިސާ ހިނގާފައިވަނީ ދިގުރަށުގައި ބިދޭސީން ދިރިއުޅޭ ގެއެއްގައި އަލިފާން ރޯވެގެންނެވެ. ގޭގެ ތެރޭގައި ތާށިވެފައި ތިބި މީހުން ސަލާމަތްކުރުމަށްޓަކައި ފުލުހުންނާއި އާންމުން ވަނީ ގުޅިގެން މަސައްކަތް ކޮށްފައެވެ. އެގޮތުން، ގޭގެ ބިތްދޮށު ފާރު ތަޅާލައިގެން އެތެރެއަށް ވަދެ، ހަބަރު ހުސްވެފައި ތިބި ހަތް މީހަކު ވަނީ ނެރެފައެވެ. އެ މީހުން ވަގުތުން ސިއްހީ މަރުކަޒަށް ގެންދެވުނު ނަމަވެސް، އޭގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ.

މި ހިތާމަވެރި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމަށްޓަކައި ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު