ސައުދީ އަރަބިއްޔާގެ ރިޔާޟަށް ދިން ކަމަށް ބެލެވޭ މިސައިލް ހަމަލާއެއްގައި، އިންޑިއާގެ އުއްތަރަ ޕްރަދޭޝްއަށް ނިސްބަތްވާ އުމުރުން 26 އަހަރުގެ ރަވީ ގޯޕާލް މަރުވެފައިވާ ކަމަށް އޭނާގެ އާއިލާއިން ހޮނިހިރު ދުވަހު ބުނެފިއެވެ.

މަހުމޫދުއާބާދުގެ ބަގްހައިން އަވަށަށް ނިސްބަތްވާ ރަވީއަކީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ރިޔާޟްގެ ޕްލާސްޓިކް ފެކްޓްރީއެއްގައި ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އައި މީހެކެވެ.

ރަވީގެ އަންހެނުން ރީތޫ މީޑިއާތަކަށް މައުލޫމާތު ދެމުން ބުނި ގޮތުގައި، ރަވީ އެންމެ ފަހުން އާއިލާއާ ވާހަކަދައްކާފައިވަނީ މާރިޗު 18 ވީ ބުދަ ދުވަހުގެ ރޭ ރާއްޖެގަޑިން ގާތްގަނޑަކަށް 9:30 ހާއިރުއެވެ.

ފޯނުން ވާހަކަދައްކަން ހުއްޓާ ކުއްލިއަކަށް ބާރުގަދަ ގޮވުމެއްގެ އަޑު އިވުމަށްފަހު ފޯނު ކެނޑުނު ކަމަށާއި، އޭގެ ފަހުން އޭނާގެ ފޯނު އޮތީ ނިއްވާލާފައި ކަމަށް ރީތޫ ކިޔައިދިނެވެ. އަދި އެ ގައުމުގައި ތިބި ރަވީގެ ރައްޓެހިންނަށް ގުޅަން ކުރި މަސައްކަތްވެސް ކާމިޔާބުވެފައި ނުވާ ކަމަށް އާއިލާއިން ބުނެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހު އީރާނުން ރިޔާޟަށް އަމާޒުކޮށް ފޮނުވާލި ބެލިސްޓިކް މިސައިލްތަކެއް ސައުދީން ވައްޓާލި ވަގުތު، އޭގެ ބައިތަކެއް ރަވީ މަސައްކަތް ކުރަމުންދިޔަ ސަރަހައްދަށް ވެއްޓުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެއެވެ. ރަވީގެ ހަށިގަނޑު އަނބުރާ ގައުމަށް ގެނައުމަށް އާއިލާއިން މިހާރު ދަނީ އިންޑިއާ ސަރުކާރުގެ އެހީތެރިކަމަށް އެދެމުންނެވެ.



ކިޔުންތެރިންގެ ހިޔާލު