ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް-
ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް-
ވަގުތު ފާއިތު ނުވަނީސް ބުއްދި އިސްކޮށް، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު މުހައްމަދު އައްބާސް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފިއެވެ.

މެމްބަރު އައްބާސް މިފަދައިން ނަސޭހަތްތެރިވެވަޑައިގަތީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، ރައްޔިތުންގެ މަޖިލީހާއި ރިޔާސީ އިންތިޚާބު އެއްކޮށް ބޭއްވުމާ ގުޅޭގޮތުން ނަގާ ފެންނަ ނުފެންނަ ވޯޓު ނުވަތަ ރިފަރެންޑަމާ ގުޅޭގޮތުން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އިންތިޚާބާ ދިމާކޮށް ސަރުކާރުގެ އެކި ކުންފުނިތަކުން ގިނަ އަދަދެއްގެ ވަޒީފާތަކަށް މީހުން ހޯދުމަށް އިޢުލާން ކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކުރައްވަމުން އައްބާސް ވިދާޅުވީ، އިންތިޚާބުގެ ކުރިން އެކި ރަށްރަށުން ވަޒީފާތަކަށް ނެރޭ މުވައްޒަފުން، އިންތިޚާބު ނިމުމާއެކު ވަޒީފާތަކުން ވަކިކުރާނެ ކަމަށެވެ. މިއީ އިންތިޚާބަށް ނުފޫޒު ފޯރުވުމުގެ ގޮތުން ކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ވަޒީފާތަކުގެ އިތުރުން، ޤައުމުގެ އިޤްތިޞާދީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އައްބާސް ވިދާޅުވީ، އިންތިޚާބު ނިމުމާއެކު ސަރުކާރުން ތެލުގެ އަގު ވަރަށް ބޮޑަށް އުފުލާނެ ކަމަށެވެ. މީގެ ސަބަބުން ބާޒާރުގައި ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ، ރައްޔިތުންނަށް ތަހައްމަލު ކުރަންދަތި ދަތިތަކަކާ ކުރިމަތިލާންޖެހޭނެ ކަމުގެ އިންޒާރު އޭނާ ދެއްވިއެވެ.

"ސަރުކާރުން ނުކުރާނަމޭ ބުނާ ހުރިހާ ކަމެއް ކުރާނެކަން ރައްޔިތުންނަށް އެނގިލައްވާނެ،" އައްބާސް ވިދާޅުވިއެވެ.

މީގެއިތުރުން، އައްބާސް ވަނީ ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ސަރުކާރަށް ނިސްބަތްވާ ކެންޑިޑޭޓުންނަށް "ނޫނެކޭ" ބުނުމަށް ރައްޔިތުންނަށް ގޮވާލައްވާފައެވެ. އަދި ދެ އިންތިޚާބު އެއްކުރުމާ ގުޅޭގޮތުން ބޭއްވުމަށް ހަމަޖެހިފައިވާ ރިފަރަންޑަމާ ދެކޮޅަށް ވޯޓު ދިނުމަށްވެސް އޭނާ އިލްތިމާސް ކުރެއްވިއެވެ.

ވަގުތު ފާއިތުނުވަނީސް ބުއްދި އިސްކޮށް، ވަގުތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އައްބާސް ވަނީ ރައްޔިތުންނަށް ނަަސޭހަތްޔެރިވެފައެވެ. "ގޮތް ނިންމާނީ ރައްޔިތުން" އައްބާސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު