ކޮލަމްބިއާގެ ދެކުނުގެ ސަރަހައްދެއްގައި 110 މީހުންނާއެކު ދަތުރުކުރި އެގައުމުގެ އެއާފޯސްގެ މަތިންދާބޯޓެއް ވެއްޓިއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޕެރޫއާ އިންވެގެން އޮންނަ އަމަޒޯން ސަރަހައްދުގެ ޕުއެރްޓޯ ލެގުއިޒަމޯ އިން އެ ބޯޓު ނައްޓާލި ވަގުތުގައެވެ. ލޮކްހީޑް މާޓިން ހާކިއުލިސް ސީ-130 މަރުކާގެ މި ބޯޓަކީ ސިފައިން އުފުލުމަށް ބޭނުންކުރާ ބޯޓެކެވެ.

މި ހާދިސާއާ ގުޅިގެން ކޮލަމްބިއާގެ ޑިފެންސް މިނިސްޓަރު ޕެޑްރޯ ސަންޗޭޒް ވިދާޅުވީ، ބޯޓު ވެއްޓުނު ސަރަހައްދަށް މިހާރު ސިފައިން ގޮސް ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. ނަމަވެސް، މި ހާދިސާގައި މަރުވި ނުވަތަ އަނިޔާވި މީހުންގެ ސީދާ އަދަދެއް އަދި ކަށަވަރެއް ނުވެއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން ބޯޓު ވެއްޓިފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދަކާ އެންމެ 3 ކިލޯމީޓަރު ދުރުމިނަށެވެ.

ކޮލަމްބިއާގެ ކަމާބެހޭ އިދާރާތަކުން މިހާރު ދަނީ މި ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ހޯދުމަށް ތަހުގީގު ކުރަމުންނެވެ.

މި ބޯޓުގައި ދަތުރުކުރި 110 މީހުންނަކީވެސް އެގައުމުގެ އަސްކަރިއްޔާއަށް ނިސްބަތްވާ ސިފައިން ކަމަށް ބްލޫ ރޭޑިއޯއިން ވަނީ ރިޕޯޓްކޮށްފައެވެ. މިއީ ފަހުގެ ތާރީޚެއްގައި އެގައުމުގައި ހިނގި އެންމެ ނުރައްކާތެރި އެއް ވައިގެ ހާދިސާއެވެ.



ކިޔުންތެރިންގެ ހިޔާލު