މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ ފޮޓޯއެއް
ދުނިޔޭގެ އެންމެ މުހިންމު ތެޔޮ ސަޕްލައި ރޫޓު ކަމަށްވާ "ސްޓްރޭޓް އޮފް ހޮރްމޫޒް" އިން ދަތުރުކުރުމުގެ ހުއްދަ ހޯދުމަށް ޝިޕިން ކުންފުންޏަކުން އީރާނަށް ދެ މިލިއަން ޑޮލަރު ދައްކައިފި ކަމަށް ރިޕޯޓްތައް ބުނެފިއެވެ. ގަލްފު ސަރަހައްދުގެ މަސްރަހު މިހާރު ބައްޓަންވަމުންދާ ގޮތުން، މިއީ މުޅި ކަނޑުއޮޅި ބަންދުކުރުމުގެ ބަދަލުގައި، ވަކި ބަޔަކަށް ހުއްދަދޭ "ސެލެކްޓިވް ބްލޮކޭޑް" އަކަށް ބަދަލުވަމުންދާ ކަމުގެ އިޝާރާތެކެވެ.

މި ނިޒާމު ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިންނެވެ. އެ ކޯޕްސް އިން މިހާރު ވަނީ ބޯޓުފަހަރު ޗެކްކޮށް ހުއްދަދޭނެ "ވެޓިން ޕްރޮސެސް" އެއް ތައާރަފްކޮށްފައެވެ. މިހާތަނަށް މަދުވެގެން ނުވަ ބޯޓަކަށް މި އުސޫލުގެ ދަށުން ހުއްދަ ދީފައިވާއިރު، އެއް ބޯޓަކުން 1.5 މިލިއަން ޕައުންޑް ދައްކާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން، މި ފައިސާ ދެއްކުމުގެ ކަންކަން ހިންގާ ގޮތެއް އަދި ސާފެއް ނުވެއެވެ.

މި އިންތިޒާމުގެ ދަށުން އިންޑިއާ، ޕާކިސްތާން، އިރާގު، މެލޭޝިއާ އަދި ޗައިނާ ފަދަ ގައުމުތަކުން އަންނަނީ ސީދާ ތެހެރާނާއެކު މަޝްވަރާ ކުރަމުންނެވެ. މިގޮތުން ފައިސާ ދައްކަންޖެހެނީ ޗައިނާގެ "ޔުއާން" އިން ކަމަށްވުމުން، ދުނިޔޭގެ ބާޒާރުގައި ޔޫއެސް ޑޮލަރަށް އޮތް ބާރު ކުޑަވެ، އިގްތިސާދީ ގޮތުން ލޮޅުންތަކެއް އަރަމުންދާ ކަމަށް އިކޮނޮމިސްޓުން ފާހަގަކުރެއެވެ. ހައިރާންކުރުވަނިވި ކަމަކީ، އެމެރިކާ ނުވަތަ އިސްރާއީލާ ގުޅުން ހުރި ބައެއް ގައުމުތަކުގެ ބޯޓުތަކަށްވެސް މިހާރު ހުއްދަ ދެމުންދާ ކަމެވެ.

ކަނޑުގެ ދަތުރުފަތުރުގެ ރޫޓުތަކަށް އައި ބަދަލާއެކު، ބޯޓުފަހަރު މިހާރު ދަތުރުކުރަނީ އީރާނުގެ ފުރިހަމަ ކޮންޓްރޯލްގެ ދަށުގައި އޮންނަ ލާރަކް އައިލެންޑް ކައިރީގައި އޮންނަ ހަނި މަގަކުންނެވެ. މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކަށް ޑްރޯން އަދި މިސައިލް ހަމަލާތައް ކުރިމަތިވަމުންދާ ކަމުގެ ރިޕޯޓްތަކާއެކު، ބޯޓުފަހަރުގެ ސަލާމަތާމެދު އޮތް ބިރުވެރިކަން ވަނީ އިންތިހާއަށް ބޮޑުވެފައެވެ.

ފާއިތުވި ތިން ހަފްތާގެ ތެރޭގައި ސްޓްރޭޓް އޮފް ހޮރްމުޒް ތެރެއިން ދަތުރުކުރާ ޓްރެފިކް 95 އިންސައްތަ ދަށަށް ގޮސްފައިވުމަކީ ދުނިޔޭގެ ތެލުގެ ބާޒާރަށް ކުރިމަތިވި ބޮޑު ގޮންޖެހުމެކެވެ. އީރާނުގެ ޚާރިޖީ ވަޒީރު ދާދިފަހުން ވިދާޅުވެފައިވަނީ މި ކަނޑުއޮޅިއަކީ "ހުޅުވިފައި އޮތް ނަމަވެސް އަހަރެމެންގެ ދުޝްމަނުންނަށް ބަންދުވެފައިވާ" ތަނެއް ކަމަށެވެ. މިއީ ތެހެރާނުން ތެލުގެ ސަޕްލައި ކޮންޓްރޯލްކޮށް، ދުނިޔޭގެ މައްޗަށް ބާރު ފޯރުވުމަށް ގެންގުޅޭ އުކުޅެއްގެ ގޮތުގައި ބެލެވެއެވެ.

މި މައްސަލައިގެ ސަބަބުން ދުނިޔޭގެ ގައުމުތަކަށް އެތެރެކުރާ ތެލުގެ މިންވަރު ދަށްވެ، ތެލުގެ އަގު އުފުލިގެން ދިއުމުގެ ނަތީޖާއަކީ އާންމު ރައްޔިތުންނަށް އޭގެ ތަކުލީފު އުފުލަން ޖެހުމެވެ. ދުނިޔޭގެ ސިޔާސީ މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި، އެމެރިކާގެ ނިންމުންތަކުގައި ހުރި މައްސަލަތަކުގެ ސަބަބުން، އެންމެ ގައުމަކަށް މުޅި ދުނިޔޭގެ ތެލުގެ ބާޒާރު ހުއްޓުމަކަށް ގެނައުމުގެ ފުރުސަތު މިވަނީ ލިބިފައެވެ.



ކިޔުންތެރިންގެ ހިޔާލު