ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް-
ޕީއެންއެފްގެ އެސްޖީ މަލީހް ޖަމާލް-
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ރާއްޖެއަށް ކުރާނެ އަސަރުތައް ދެނެގަނެ، އެކަންކަމަށް ފިޔަވަޅު އެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި "ކްރައިސިސް ކޮމިޓީ" އަމިއްލައަށް އޮތީ ކާރިސާއެއްގެ ތެރޭގައި ކަމަށް ވިދާޅުވެ، ކުރީގެ ކޮމިއުނިކޭޝަން މިނިސްޓަރު އަދި ޕީއެންއެފްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި މަލީހް ވިދާޅުވީ ރައީސް މުއިއްޒުގެ ކްރައިސިސް ކޮމިޓީގެ ހާލަތު ހުރި ގޮތުން، ނޫސްވެރިންނާ ބައްދަލުކޮށް މައުލޫމާތު ދޭނެ މީހަކުވެސް އެ ކޮމިޓީގައި ނެތް ކަމަށެވެ.

"ޕްރެސް އަށް އަރަންވެސް އާދޭސް ކޮށްކޮށް އަރާނެ މީހަކު ނުވޭ، ބޮލުން ކަޓުވާލަނީ،" މަލީހް ވިދާޅުވިއެވެ. އަދި ކޮމިޓީގެ މެންބަރުން ނޫސްވެރިންނާ ބައްދަލުކުރަން ފަސްޖެހެނީ ރައްޔިތުންނަށް ދައްކާނެ އިތުރު ވާހަކައެއް ނެތުމުން ކަމަށް މަލީހް ވަނީ ވިދާޅުވެފައެވެ.

މަލީހް މިފަދަ ފާޑުކިއުންތަކެއް ސަރުކާރަށް އަމާޒުކުރައްވާފައި މިވަނީ، ރާއްޖޭގެ ބާޒާރުގައި މުދަލުގެ އަގު އިންތިހާއަށް އުފުލި، އިގްތިސާދީ ގޮތުން ރައްޔިތުންނަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ދަނޑިވަޅެއްގައެވެ. ހާއްސަކޮށް ކޮންސްޓްރަކްޝަން ސާމާނާއި ކާބޯތަކެތީގެ އަގު ބޮޑުވެ، ބައެއް ބާވަތްތައް ބާޒާރުން ލިބުމުގައި ދަތިތަކެއް ހުރިކަން ގިނަ ބަޔަކު ފާހަގަކުރެއެވެ.

މި ހާލަތާ ގުޅިގެން ސަރުކާރުން ބުނަމުންދަނީ އެންމެ ބޮޑު އަމާޒަކީ "ތަކެތި ހުސްވިޔަ ނުދިނުން" ކަމަށެވެ. ނަމަވެސް، މިއީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރަށް ސަރުކާރުން އަޅާނުލާކަމުގެ ހެއްކެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން ރާއްޖޭގައިވެސް ތެލުގެ އަގު ދެގުނަ ބޮޑުވެ، އާންމު ދަތުރުފަތުރާއި ހިދުމަތްތަކުގެ އަގު ވަނީ އިންތިހާއަށް އުފުލިފައެވެ. ގިނަ ބަޔަކު ތުހުމަތުކުރާ ގޮތުގައި، ސަރުކާރުން ދަނީ ގައުމަށް ކުރިމަތިވެފައިވާ އިގްތިސާދީ ކާރިސާގެ ހަގީގީ މަންޒަރު ރައްޔިތުންނަށް ފޮރުވަން މަސައްކަތް ކުރަމުންނެވެ. އަދި ރައީސް މުއިއްޒު އުފެއްދެވި ކްރައިސިސް ކޮމިޓީން މިހާތަނަށް އެދެވޭ ނަތީޖާއެއް ނެރެވިފައި ނުވާކަމަށް ބުނެވެސް އިދިކޮޅު ފަރާތްތަކުން ދަނީ ފާޑުކިޔަމުންނެވެ.



ކިޔުންތެރިންގެ ހިޔާލު