ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
ކުރީގެ ނައިބުރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު
އަންނަ އޭޕްރީލް މަހު 4 ގައި ބޭއްވުމަށް ތައްޔާރުވަމުންދާ ފެންނަ ނުފެންނަ ވޯޓުގައި ރައްޔިތުން "އާނއެކޭ" ބުނެފިނަމަ، ދިވެހިރާއްޖޭގެ ގާނޫނުއަސާސީ ނިމުމަކަށް އަންނާނެ ކަމުގެ އިންޒާރު ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ދެއްވައިފިއެވެ.

ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އިން ރޭ ބޭއްވި ޚާއްސަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ، ގައުމުގެ ހާލަތު އިންތިހާއަށް ނިކަމެތިވެފައިވާ މި ދަނޑިވަޅުގައި ވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ މަސްލަހަތަށްޓަކައި ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއްކޮށްލުމަށް ކަމަށެވެ.

ދުނިޔޭގެ މަސްރަހަށް އަލިއަޅުއްވާލައްވަމުން ޖަމީލް ވިދާޅުވީ، އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ހޮރްމުޒް ކަނޑުއޮޅި ބަންދުވެ، ތެލާއި ގޭހުގެ އަގު އިންތިހާއަށް އުފުލިފައިވާ ކަމަށެވެ. މީގެ ސަބަބުން ދިރިއުޅުމުގެ ޚަރަދު ބޮޑުވެ، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްފަރުވާގެ ޚިދުމަތްތައް ވެސް ފޯރުކޮށްނުދެވޭ ހާލަތަށް ގައުމު ގޮސްފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މުޅި ދުނިޔޭގެ އިގްތިސޯދަށް ލޮޅުން އަރާފައިވާ މި އުނދަގޫ ވަގުތުގައި ވެސް ގައުމެއްގެ ވެރިއަކު މިހާ އިހާނެތިކޮށް ރައްޔިތުންނާ މެދު އަމަލުކުރާނެ ކަމަކަށް ގަބޫލެއް ނުކުރެވޭ. ސަރުކާރުން 'ހޭބޯނާރާ' އުޅެނީ ރައީސް މުއިއްޒު ހިތްހަމަޖެއްސުމަށްޓަކައި ގާނޫނުއަސާސީއަށް ބަދަލު ގެނައުމަށް." ޑރ. ޖަމީލް ވިދާޅުވިއެވެ.

ހަމައެއާއެކު ޑރ. ޖަމީލް ވިދާޅުވީ، މިފަދަ ބޮޑު ބަދަލެއް ގާނޫނުއަސާސީއަށް ގެންނަ ވާހަކައަކީ ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައްޔިތުންގެ ގާތުގައި ވިދާޅުވެފައިވާ ވާހަކައެއް ނޫން ކަމަށެވެ. ގާނޫނުއަސާސީއަކީ ރައްޔިތުންގެ އިހުސާސްތަކާއި އާދަކާދަތަކުގެ މައްޗަށް ބިނާވެފައިވާ މާތް އެއްޗެއްކަން ފާހަގަކުރައްވަމުން، އެއީ އިރުއިރުކޮޅާ ކުޅެން އޮންނަ އާދައިގެ ލިޔުމެއް ނޫން ކަމަށްވެސް ޑރ. ޖަމީލް ވިދާޅުވިއެވެ.

"އޭޕްރީލް މަހުގެ ރެފެންޑްރަމްގައި ރައްޔިތުން އާނއެކޭ ބުނެފިނަމަ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގާނޫނުއަސާސީ ނިމުމަކަށް އަންނާނެ. މީގެ ކުރިންވެސް ބަރުލަމާނީ ނިޒާމަށް ރައްޔިތުން ނޫނެކޭ ބުނީ މިފަދަ ސަބަބުތަކަށްޓަކައި. ގާނޫނުއަސާސީގެ ހުރިހާ ބާރެއް ފެށިގެން ނިމިގެން ދަނީ ރައްޔިތުންގެ ކިބައިން." ޑރ. ޖަމީލްގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވިއެވެ.

އޭގެއިތުރުން މިހާރު އޮތް ގާނޫނުއަސާސީއަކީ އެތައް މަޝްވަރާއަކާއި އަޑުއެހުންތަކަކަށްފަހު ފުރިހަމަވެގެން އައި އެއްޗެއްކަން ހަނދާންކޮށްދެއްވަމުން، ޖަމީލް ވަނީ މި ބަދަލާ މެދު ރައްޔިތުން ފާރަވެރިވުމަށް ގޮވާލައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު