ފުލުހުންގެ ހިދުމަތް-
ފުލުހުންގެ ހިދުމަތް-
މީސްމީޑިއާގެ އެކި މަންސަތަކުގައި މީހުންގެ އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ ނަހަމަ ގޮތުގައި ބޭނުންކުރާ މައްސަލަތައް އިތުރުވަމުންދާތީ، އެފަދަ އަމަލުތައް ހިންގާ ފަރާތްތަކުގެ މައްސަލަތައް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން މިއަދު ބުނެފިއެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މީހުންގެ ޒާތީ މައުލޫމާތު އާންމުކުރާނެ ކަމަށް ބުނެ ބިރުދައްކައިގެން ފައިސާ ހޯދުމާއި، ރުހުމަކާ ނުލައި އެފަދަ ތަކެތި ފެތުރުމާއި ވިއްކުމުގެ މައްސަލަތައް ފާހަގަކުރެވެމުންދާ ކަމަށެވެ. އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާފައިވާ، އަސްލެއް ނެތް ތަސްވީރުތަކާއި ވީޑިއޯތައް ބޭނުންކޮށްގެން މީހުންގެ އަބުރަށް ގެއްލުންވާ ފަދަ ތަކެތި އުފެއްދުމުގެ މައްސަލަތައް ވެސް އިތުރުވަމުންދާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.

ފުލުހުންގެ ތަހުގީގުތަކުން ދައްކާގޮތުގައި، މިފަދަ ގިނަ މައްސަލަތަކަކީ ދެމީހެއްގެ މެދުގައި އޮންނަ ގާތް ގުޅުމެއްގެ ތެރެއިން އިތުބާރާއެކު ހިއްސާކޮށްފައިވާ މައުލޫމާތުތަކެކެވެ. ނަމަވެސް އެ ގުޅުން ކެނޑުމުން، އަނެކާގެ އަބުރު ނަގާލުމަށާއި، ބިރުދެއްކުމަށް ނުވަތަ މާލީ އަދި ޒާތީ މަންފާއެއް ހޯދުމަށް އެފަދަ ތަކެތި ބޭނުންކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

"މިއީ ބޮޑެތި ކުށްތަކެއްގެ ގޮތުގައި ބެލެވޭ އަމަލުތަކެކެވެ. މިފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބޭ ފަރާތްތަކަށް ނަފްސާނީ ގޮތުންނާއި އިޖުތިމާއީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބި، އަބުރަށް އުނިކަން އާދެއެވެ. ވަކިން ހާއްސަކޮށް، އާއިލީ ގުޅުންތަކާއި އަމިއްލަ އަބުރުވެރިކަމަށް ބޮޑު އިސްކަމެއްދޭ ދިވެހި މުޖުތަމައެއްގައި މިފަދަ ކަންކަމުގެ ނުރައްކާ މާ ބޮޑެވެ،" ފުލުހުންގެ ބަޔާނުގައި ވެއެވެ.

މިފަދަ ކުށްތަކުން ރައްކާތެރިވުމަށްޓަކައި، ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން އަމިއްލަ ޒާތީ ފޮޓޯއާއި ވީޑިއޯ އުފެއްދުމާއި ހިއްސާކުރުމުގައި ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ވަކިން ހާއްސަކޮށް، މައުލޫމާތެއް ނުވަތަ މަންޒަރެއް ހިއްސާކުރާ ހިސާބުން އެއީ ތިމާގެ ބާރުގެ ދަށުން ނެއްޓި، ކޮޕީކޮށް ނުވަތަ ފެތުރިދާނެ އެއްޗެއްކަން ހަނދާނުގައި ބެހެއްޓުން މުހިންމު ކަމަށް ފުލުހުންގެ ބަޔާނުގައި ވެއެވެ.

ފުލުހުން އިތުރަށް ބުނީ، މިފަދަ ތަކެތި ފެތުރުމުގައި ބައިވެރިވުމާއި އެފަދަ އަމަލުތަކަށް ހިތްވަރު ދިނުމަކީ ވެސް ކުށެއް ކަމަށެވެ. އަދި ޒާތީ މައުލޫމާތު ބޭނުންކޮށްގެން ބިރުދެއްކުން ފަދަ ކަމެއް ދިމާވެއްޖެނަމަ، ލަސްނުކޮށް ފުލުހުންނަށް ރިޕޯޓުކުރުމަށް ވަނީ އެދިފައެވެ.

ޒާތީ މައުލޫމާތާއި މަންޒަރުތައް ބޭނުންކޮށްގެން ނާޖާއިޒު މަންފާ ހޯދާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް ފުލުހުން ކުރަމުންދާނެ ކަމުގެ ޔަގީންކަން ދެމުން، އިޖުތިމާއީ މިންގަނޑުތަކާއި އަހުލާގު ނަގަހައްޓައި، އަނިޔާ ލިބޭ ފަރާތްތަކުގެ ކަރާމާތަށް އުނިކަން ލިބޭ ފަދަ އަމަލުތަކުން ދުރުހެލިވުމަށް ހުރިހާ ރައްޔިތުންނަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު