މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
މިއީ އޭއައި ބޭނުން ކޮށްގެން ހަދާފައިވާ ފޮޓޯއެއް
ދުނިޔޭގެ އިންޖިނިއަރިންގ ތާރީޚުގައި މިހާތަނަށް ހިންގުނު އެންމެ ބޮޑު އެއް މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލައި، ޗައިނާގެ ޝަންހާއީ އާއި ދެކުނު ކޮރެއާ ސީދާ ގުޅުވައިދޭ 450 ކިލޯމީޓަރުގެ ކަނޑުއަޑީގެ ޓަނަލް ޗައިނާއިން މިއަދު އިފްތިތާޙުކޮށްފިއެވެ.

މިޒަމާނުގެ އިންފްރާސްޓްރަކްޗަރަށް ވުރެ ބޮޑަށް ސައިންސް ފިކްޝަން ފިލްމެއްގެ މަންޒަރަކާ ގާތްކުރާ މި ބިޔަ ޓަނަލް ބިނާކޮށްފައިވަނީ ރީނދޫ ކަނޑުގެ އަޑިންނެވެ. ގާތްގަނޑަކަށް 15 އަހަރުގެ ދިގު މުއްދަތަކަށް ދެމިގެންދިޔަ މި މަސައްކަތަކީ، މި ގަރުނުގައި އިންޖިނިއަރިންގެ ދާއިރާއިން ހޯދި އެންމެ އާދަޔާޚިލާފު ކާމިޔާބީގެ ގޮތުގައި މާހިރުން ސިފަކުރެއެވެ.

މީގެ ދިހަވަރަކަށް އަހަރު ކުރިން، ކަނޑުއަޑީގެ ފުޅާ މަގުތަކަކުން ޤައުމުތައް ގުޅުވައިލުމުގެ ވާހަކައަކީ ހަމައެކަނި ތަޞައްވުރެއްގެ ގޮތުގައި އޮތް ކަމެއް ނަމަވެސް، މިއަދު އެ ތަޞައްވުރު މިވަނީ ޙަޤީޤަތަކަށް ވެފައެވެ. މި ޓަނަލްގެ ސަބަބުން ޗައިނާގެ ފައިނޭންޝަލް ހަބް، ޝަންހާއީ އާއި ދެކުނު ކޮރެއާއާ ދެމެދު ބާރު ސްޕީޑްގައި ދުއްވާ ރޭލުތައް ދަތުރުކުރާނެއެވެ. މީގެ ކުރިން ދިގު ވަގުތު ނަގާ މި ދަތުރުތަކަށް މިހާރު ހޭދަވާނީ މަދު ގަޑިއިރުތަކެކެވެ. މިއީ ސަރަހައްދީ ވިޔަފާރި އާއި ދަތުރުފަތުރަށް އިންގިލާބީ ބަދަލެއް ގެންނާނެ އިންފްރާސްޓްރަކްޗަރެކެވެ.

މި މަޝްރޫޢުގެ ބިޔަކަން ވަޒަންކޮށްލާއިރު، 450 ކިލޯމީޓަރުގެ މި ޓަނަލަކީ، އިނގިރޭސިވިލާތާއި ފްރާންސް ގުޅުވައިދޭ މަޝްހޫރު 'ޗެނަލް ޓަނަލް' އަށްވުރެ ގާތްގަނޑަކަށް ނުވަ ގުނަ ދިގު ޓަނަލެކެވެ. މިއީ ކަނޑުއަޑީގެ އިންޖިނިއަރިންގްގައި މުޅިން އައު މިންގަނޑެއް ކަނޑައަޅައި، އިންސާނީ ކެޕޭސިޓީ އާއި ޓެކްނޮލޮޖީގެ އެންމެ މަތީ ހަރުފަތް ދައްކުވައިދިން ކަމެކެވެ.

މި ބޮޑު މަސައްކަތުގައި އިންޖިނިއަރުންނަށް ގިނަ ގޮންޖެހުންތަކަކާ ކުރިމަތިވިއެވެ. އެގޮތުން ރީނދޫ ކަނޑުގެ އަޑީގެ ބިންގަނޑު އެކި ސަރަހައްދުތަކުގައި ތަފާތުވުމުގެ ސަބަބުން، މަޑު ފަސްގަނޑުން ފެށިގެން ވަރުގަދަ ގްރޭނައިޓް ހިލަތަކާ ހަމައަށް ކޮނުމަށްޓަކައި ޚާއްޞަ 'ޓަނަލް ބޯރިން މެޝިން' ތަކެއް އުފައްދަން ޖެހުނެވެ. މި މެޝިންތަކަކީ ކަނޑުގެ ފުންމިނުގައި ހުންނަ ގަދަ ޕްރެޝަރަށް ކެތްކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ ވަސީލަތްތަކެކެވެ.

އިޤްތިޞާދީ ގޮތުން ބަލާއިރު، މި ޓަނަލްގެ ސަބަބުން ޗައިނާ އާއި ދެކުނު ކޮރެއާގެ ގުޅުން އިތުރަށް ބަދަހިވެ، މުދަލާއި މީހުން އުފުލުމުގެ ޚަރަދު ކުޑަވެގެންދާނެއެވެ. އަދި ވައިގެ މަގުންނާއި ކަނޑު އުޅަނދުފަހަރުގައި ކުރާ ދަތުރުތަކަށް ބަރޯސާވާ މިންވަރު ކުޑަވެ، ސަރަހައްދީ އިންޓަގްރޭޝަން ވަރުގަދަވާނެއެވެ.

ޗައިނާގެ މި ކާމިޔާބީއާ ގުޅިގެން، އުމްރާނީ ތަރައްޤީގެ މިފަދަ ތަޞައްވުރުތައް ގެންގުޅޭ ކުދި ޤައުމުތަކުގެ ސަމާލުކަން ވެސް މިޓަނަލަށް ވަނީ ހުއްޓިފައެވެ. އެގޮތުން، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ މާލެ އާއި ރަސްމާލެ ގުޅުވައިދޭ ކަނޑުއަޑީގެ ޓަނަލެއް ހެދުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. ނަމަވެސް، ޗައިނާ ފަދަ ބޮޑެތި ބާރުތަކާއި ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކުގެ މެދުގައި ވަސީލަތްތަކާއި އެގްޒެކިއުޝަންގެ ފަރަގު ހުރިކަން މި މަޝްރޫޢުން ހާމަވެއެވެ.

ނުވަދިހައިގެ އަހަރުތަކުގައި ހަމައެކަނި ޚިޔާލީ ވާހަކައެއްގެ ގޮތުގައި ފެށުނު މި މަސައްކަތް، މިއަދު މިވަނީ އެތައް މިލިއަން ޓަނެއްގެ ކަނޑުފެނުގެ ދަށުގައި ހަގީގަތަކަށް ވެފައެވެ. މިއާއެކު އޭޝިއާ ބައްރުގެ ދަތުރުފަތުރުގެ ނިޒާމަށް އައު ދިރުމެއް ލިބިގެންދާނެ ކަމަށް އިޤތިޞާދީ މާހިރުން ވިދާޅުވެފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު